2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވޭ ފީފާ ވޯލްޑްކަޕްގެ މެޗުތަކުގެ ޓިކެޓް އަގުތައް ބޮޑުވެ އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން ޓިކެޓުއަގު ކުޑަކޮށް އަދި ވޯލްޑް ކަޕްގެ އިނާމު ފައިސާ ބޮޑުތަނުން އިތުރުކޮށްފިއެވެ.
ފީފާއިން ވަނީ ރެކޯޑް އަދަދެއްގެ އިނާމު ފައިސާ އިއުލާނުކޮށްފައެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަށް 50 މިލިއަން ޑޮލަރު (37.5 މިލިއަން ޕައުންޑް) ލިބޭއިރު، މިއީ 2022 ވަނަ އަހަރު ގަތަރުގައި ފްރާންސް ބަލިކޮށް އާޖެންޓީނާއަށް ލިބުނު 34.6 މިލިއަން ޕައުންޑަށްވުރެ އިތުރު އަދަދެކެވެ. ބައިވެރިވާ ގައުމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުވުމާއެކު، ޖުމްލަ 727 މިލިއަން ޑޮލަރު (545 މިލިއަން ޕައުންޑް) ޓީމުތަކަށް ދޫކުރާނެކަމަށް ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މިއީ ގަތަރުގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕްގައި ޓީމުތަކަށް ދޫކުރި ޖުމްލަ އިނާމު ފައިސާގެ އަދަދަށްވުރެ 50 އިންސައްތަ އިތުރުވުމެކެވެ. އަދި މިއީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތުގެ ޓިކެޓްތައް، 2022 ވަނަ އަހަރާ އަޅާބަލާއިރު، ސަޕޯޓަރުންނަށް ފަސް ގުނައަށްވުރެ ބޮޑު އަގެއްގައި ވިއްކަމުންދާ ދަނޑިވަޅެއްގައެވެ.
ސަޕޯޓަރުންގެ ފަރާތުން ބޮޑު ނުރުހުމެއް އައިސްފައިވާ މި ދަނޑިވަޅުގައި، ފީފާއިން ވަނީ ކޮންމެ މެޗަކަށް ވެސް ލިބޭނެ 60 ޑޮލަރު (45 ޕައުންޑް) ގެ އާ ކެޓަގަރީއެއްގެ ޓިކެޓްތައް އިއުލާނުކޮށްފައެވެ. ނަމަވެސް، ބައިވެރިވާ މެމްބަރު އެސޯސިއޭޝަންތަކަށް ޚާއްސަކޮށްފައިވާ 8 އިންސައްތައިގެ ތެރެއިން އެ ޓިކެޓްތައް ލިބެން ހުންނާނީ އެންމެ 10 އިންސައްތައަށް ކަމަށްވުމުން، ފައިދާ ކުރާނީ މަދު ބަޔަކަށެވެ. އަނެއް ބައި ސަޕޯޓަރުންނަށް، އެމީހުންގެ ގައުމު ފައިނަލާ ހަމައަށް ދަތުރުކުރާނަމަ، 5،000 ޕައުންޑާ ހަމައަށް ވެސް ދައްކަން ޖެހިދާނެއެވެ.
މީގެ އިތުރުން ވޯލްޑް ކަޕްގެ ރެކޯޑް އިނާމު ފައިސާއާ އެކު، ފީފާއިން ބުނީ ބައިވެރިވާ ހުރިހާ ގައުމަކަށް ވެސް ތައްޔާރުވުމުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.5 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.


