ސްޕެއިން އަދި އިޓަލީގައި ކުޅުމުގެ ޝައުގުވެރިކަން އެބަހުރި: ބްރޫނޯ ފެނާންޑޭޒް

އޭނާގެ ކެރިއަރުގެ ކުރިމަގާމެދު މިހާރުވެސް ވިސްނަމުންދާ ކަމަށާއި، މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު އޭނާ ދާން އެންމެ ބޭނުންވާ ތިން މަންޒިލް ކަނޑައަޅާފައިވާ ކަމަށް ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ފެނާންޑޭޒް ވަނީ މިދިޔަ ހޫނު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ބަދަލުވުމާ ގާތްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ޔުނައިޓެޑުން ބޭނުންވީ އޭނާ ދާށެވެ. ނަމަވެސް އޭނާގެ އާއިލާއާއި ހެޑް ކޯޗު ރޫބެން އަމޯރިމްއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އޭނާ މަޑުކުރީއެވެ.

އަލް-ހިލާލުން ފެނާންޑޭޒްއަށް 100 މިލިއަން ޕައުންޑް ދޭން ތައްޔާރަށް ތިބިކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ހަފްތާއަކު 700،000 ޕައުންޑްގެ މުސާރައެއް ހުށަހެޅިއެވެ. ނަމަވެސް މަތީ ފަރާތުން އައި ޕްރެޝަރާއެކުވެސް އޭނާ އެ ބަދަލުވުމާ ދެކޮޅު ހެދިއެވެ. އެކަމުގެ ސަބަބުން އޭނާއަށް "އުނދަގޫ" ވެފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް އޯލްޑް ޓްރެފޯޑްގައި ފެނާންޑޭޒް ހޭދަކުރާ ދުވަސްތައް ނިމުމަކަށް އައުން އަވަސް ކަމަށް ބެލެވެއެވެ. އޭނާގެ ކޮންޓްރެކްޓްގެ ފަހު 18 މަސް ފެށެނީ ޖެނުއަރީގައެވެ. އަދި އޭނާ ވަނީ މިހާރުވެސް އޭނާގެ ހުވަފެނުގެ ތިން މަންޒިލް ކަނޑައަޅާފައެވެ. ނަމަވެސް އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއެއް ނުހިމެނެއެވެ.

"އަހަރެން ބޭނުން ސްޕެނިޝް ލީގުގެ ތަޖުރިބާ ހޯދައި އިޓަލީގައި ބޮޑެތި ތަށިތަކަށް ވާދަކުރަން،" އޭނާ ކެނަލް 11 އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އިޓަލީއާ އަހަރެން ގުޅިފައިވާ ގުޅުންތައް ގިނަ… އަހަރެންގެ ދަރިފުޅު އުފަންވީވެސް އެތަނުގައި.”

"އަހަރެން ޕޯޗުގަލަށް އެނބުރި ދިއުމާ މެދުވެސް ވިސްނަން… ފުރަތަމަ އޮޕްޝަނަކަށް ވާނީ ސްޕޯޓިން. ސްޕޯޓިންގައި އުޅުނުހެން އުފަލުގައި ހުރުމަށް. ނަމަވެސް އަހަރެން ބޭނުމެއް ނޫން އެތަނުގައި ދޫކޮށްލާފައި އައި ރީތި ނަން ހަލާކުކޮށްލާކަށް."

ފެނާންޑޭޒް އޭނާގެ ކެރިއަރުގެ ކުރީކޮޅު އިޓަލީގެ ތިން ޓީމަށް ކުޅުނެވެ. އެއީ ނޮވޭރާ، އުޑިނޭސޭ އަދި ސަމްޕްޑޯރިއާއެވެ. އޭގެ ފަހުން ޕޯޗުގަލަށް އެނބުރި ސްޕޯޓިންއަށް ކުޅެން ފެށިއެވެ. އެތަނުން އޭނާގެ މަޝްހޫރުކަން އިތުރުވެ، މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ ޖެނުއަރީ 2020 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ