ދިގު އިންތިޒާރަށްފަހު، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) މިއަދު މޮރޮކޯގައި ފެށޭނެއެވެ. އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް މަރުހަބާ ކިޔުމަށް 24 ޓީމާއި، ހަ ސިޓީއަކާއި، ނުވަ ސްޓޭޑިއަމްގެ އިތުރުން ފުޓްބޯޅައަށް ފޯރިހުންނަ މުޅި ގައުމު އޮތީ ތައްޔާރަށެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ބެލެވެނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ރެހާސަލެއްގެ ގޮތުގައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމަކީ މޮރޮކޯ ކަމަށްވާއިރު، އެ ގައުމުން ވަނީ މިކަމަށް ތައްޔާރުވުމަށްޓަކައި އެފްރިކާގެ ކުޅިވަރު ތާރީޚުގައިވެސް ނުދެކޭ ފަދަ ވަރުގަދަ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކެއް ފަށާފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓުން މިދިޔަ ފަހަރު އަމިއްލަ ގައުމުގައި ތަށި އުފުލާލީ ގަބޫލުކުރަންވެސް ދަތި ކާމިޔާބީއަކާއެކުގައެވެ.
އަދި ނައިޖީރިއާއިން އުންމީދު ކުރާނީ މިދިޔަ ފަހަރު ފައިނަލުން ބަލިވުމުން ލިބުނު މާޔޫސްކަން ފިލުވާލައި، މިފަހަރު ތަށި ހޯދުމަށެވެ.
ސާޑިއޯ މާނޭގެ ސެނެގާލް 2021 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު އަނެއްކާވެސް މުބާރާތަށް ނުކުންނައިރު، މިސްރުން އުންމީދު ކުރަނީ މުހައްމަދު ސަލާހުގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ޓީމުގެ ސަމާލުކަން ގެއްލުނަނުދީ، އަށްވަނަ ފަހަރަށް ތަށި ހޯދައި ރެކޯޑް އިތުރަށް ވަރުގަދަ ކުރުމަށެވެ.
ގްރޫޕްތައް:
ގްރޫޕް އޭ: މޮރޮކޯ، މާލީ، ޒެމްބިއާ، ކޮމޮރޯސް
ގްރޫޕް ބީ: މިސްރު، ސައުތު އެފްރިކާ، އެންގޯލާ، ޒިމްބާބުވޭ
ގްރޫޕް ސީ: ނައިޖީރިއާ، ޓިއުނީޝިއާ، ޔުގެންޑާ، ޓެންޒޭނިއާ
ގްރޫޕް ޑީ: ސެނެގާލް، ޑީއާރު ކޮންގޯ، ބެނިން، ބޮޓްސްވާނާ
ގްރޫޕް އީ: އަލްޖީރިއާ، ބުރުކީނާ ފާސޯ، އިކުއެޓޯރިއަލް ގިނީ، ސޫދާން
ގްރޫޕް އެފް: ކެމަރޫން، ގޭބޯން، އައިވަރީ ކޯސްޓް އަދި މޮޒަމްބީކް



ކިޔުންތެރިންގެ ޚިޔާލުތައް:
ރާއްޖެ ވެސް ރޭސިސްޓ ކަމުން މި ނުދައްކައޭ