އަލެކްސެންޑަރ އީސަކްގެ ވައަތު ފައިގެ ކަށިގަނޑެއް ބިނދިގެން އޮޕަރޭޝަނެއް ކޮށްފައިވާކަން ލިވަޕޫލުން ކަށަވަރުކޮށްދީފިއެވެ.
އީސާކް އަލުން ކުޅުމުގެ ތެރެއަށް އަންނާނެ ސީދާ ތާރީޚެއް ކްލަބުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ސްވިޑަންގެ މި ފޯވާޑް މަދުވެގެން ތިން ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ.
ލިވަޕޫލުން ބުނި ގޮތުގައި އުމުރުން 26 އަހަރުގެ އީސާކްގެ ވައަތުފައި ބިނދުމާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަން ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ."
ވޭތުވެދިޔަ ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލަށް އީސާކް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ. ނަމަވެސް، ލަނޑު ޖެހުމަށް ފޮނުވާލި ހަމަލާއަށް ފަހު، މިކީ ވެން ޑިވެން ކުރި ޗެލެންޖެއްގައި އޭނާއަށް އަނިޔާވެ، ކުޅުން ކުރިއަށް ނުގެންދެވުނެވެ. އޭނާ ދަނޑުން ބޭލީ ވަރަށް ބޮޑަށް ތަދުވާކަން ފާހަގަވެފައި ވަނިކޮށް، މެޑިކަލް ޓީމުގެ އެހީތެރިކަމާއެކުގައެވެ.
މިދިޔަ ހޫނު މޫސުމުގައި ޕްރިމިއާ ލީގުގެ ރެކޯޑް އަގެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް ސޮއިކުރި މި ފޯވާޑް، ސެޕްޓެމްބަރު މަހު ނިއުކާސަލްއިން ބަދަލުވި ފަހުން ލިވަޕޫލަށް ކުޅުނު 16 މެޗުގައި ވަނީ ތިން ލަނޑު ޖަހައިދީފައެވެ.
މި އަނިޔާއަކީ އޭނާގެ ކުރީގެ ފޯމު ގެއްލިފައިވާ މި އުނދަގޫ ދުވަސްވަރުގައި ލިބުނު އިތުރު ދެރައެކެވެ.
މިދިޔަ ހޫނު މޫސުމުގައި ނިއުކާސަލްއިން އޭޝިއާއަށް ކުރި ޕްރީ-ސީޒަން ދަތުރުގެ ސްކޮޑުން އޭނާ ބާކީކުރީ "ފަލަމަސްގަނޑަށް ލިބުނު ކުޑަ އަނިޔާއެއްގެ" ސަބަބުން ކަމަށް ކްލަބުން ބުނި ނަމަވެސް، އޭނާ ބޭނުންވީ އެހެން ކްލަބަކަށް ބަދަލުވާން ކަމަށް އޭރު ވަނީ އަޑުފެތުރިފައެވެ.
އޭގެ ފަހުން އޭނާ ކުރީގެ ކްލަބް ރެއާލް ސޮސިއެޑާޑްގައި އެކަނި ތަމްރީނުތައް ހެދުމަށްފަހު، ޓްރާންސްފާ މުއްދަތު ހަމަވި ދުވަހު ލިވަޕޫލާ ގުޅުނެވެ.
ސެޕްޓެމްބަރު 17 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ލިވަޕޫލަށް ފުރަތަމަ މެޗު ކުޅެދީ، ސައުތެމްޕްޓަން އަތުން 2-1 އިން މޮޅުވި މެޗުގައި އޭނާ ވަނީ ކްލަބަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ފޯމާއި ފިޓްނަސް ދެމެހެއްޓުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ސްލޮޓްގެ އިރުޝާދުގެ ދަށުން އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔައީ ނޮވެމްބަރު 30 ގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭގެ ފަހުން ދެން ލަނޑު ޖެހީ ޓޮޓެންހަމްއާ ދެކޮޅަށެވެ.


