އަލޮންސޯ އަށް މެޑްރިޑުގައި ނަތީޖާ ނުނެރެވެނީ ކުޅުންތެރިންގެ ޕްރެޝަރާހެދި: ފަބްރެގާސް

ސްޕެއިން އަދި ބާސެލޯނާ ލެޖެންޑް ސެސްކް ފެބްރެގާސް ބުނާ ގޮތުގައި، ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ޒަބީ އޮލޮންސޯ އަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ އެއީ ކޮންމެ މެޗެއްގައި ވެސް ކުޅެން "ހައްގުވާ" ކަމަށް ގަބޫލުކުރާ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމުންނެވެ. ކޯމޯގެ ހެޑް ކޯޗު ފަބްރެގާސް ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑުން އޮލޮންސޯ އަށް ޕްރެޝަރު ކުރިމަތިވެފައިވާ ކަމަށް އޭނާ ގަބޫލުކުރާ ސަބަބުތައް ހާމަކޮށްފައެވެ.

މޭ މަހު ރެއާލްގެ މެނޭޖަރުކަމާ ހަވާލުވުމަށްފަހު ފުރަތަމަ ކޮޅު ނަތީޖާތައް ވަރަށް ފުރިހަމަވި ނަމަވެސް، އޮލޮންސޯ އަށް މިހާރު ވަނީ ޓީމުތެރޭ ޕްރެޝަރު ބޮޑުވެފައެވެ. ކާލޯ އަންޗެލޮޓީގެ ބަދަލުގައި ބާނަބިއުއާ ހަވާލުވި 44 އަހަރުގެ އޮލޮންސޯ، ހުރިހާ މުބާރާތެއްގައި ކުޅުނު ފުރަތަމަ 14 މެޗުގެ ތެރެއިން 13 މެޗުން މެޑްރިޑް މޮޅުކޮށްދީ، ލީގުގައި ވިޔަރެއާލް އާއި ވާދަވެރި ބާސެލޯނާގެ އިތުރުން ޗެމްޕިއަންސް ލީގުގައި މާސޭ އަތުން ފާހަގަކޮށްލެވޭ މޮޅުތަކެއް ހޯދައިދިން އިރު ކަންކަން ފެނުނީ ވަރަށް އުންމީދީ ގޮތަކަށެވެ.

ނަމަވެސް، އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ރެއާލް މޮޅުވީ އެންމެ ފަސް މެޗުން ކަމަށްވުމުން، ކްލަބުގައި އޮލޮންސޯގެ މުސްތަގުބަލާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ނޮވެމްބަރު މަހު ރަޔޯ ވަޔެކާނޯ، އެލްޗޭ އަދި ޖިރޯނާއާ ދެކޮޅަށް ކުޅުނު ލީގު ތިން މެޗުން ޖެހިޖެހިގެން އެއްވަރުވުމުން، ހަންސީ ފްލިކްގެ ބާސެލޯނާ ވަނީ ތާވަލުގެ އެއްވަނައިން ރެއާލް ފަހަތަށް ޖައްސާލާފައެވެ.

ޗެމްޕިއަންސް ލީގުގެ ތާވަލުގެ ހަތްވަނައިގައި އޮލޮންސޯގެ ޓީމު އޮތްއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޕްރިމިއާ ލީގުގެ ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ އަތުން ވަނީ ބަލިވެފައެވެ. އަދި ޑިސެމްބަރު 17 ގައި ކޮޕާ ޑެލް ރޭގެ ގަދަ 32 ގައި ސްޕެއިންގެ ކުޑަ ކްލަބެއް ކަމަށްވާ ތަލަވެރާ ސީއެފް އަތުން އެމީހުން މޮޅުވީ 3-2 ގެ ހަނި ނަތީޖާއަކުންނެވެ.

ބާސެލޯނާ، އާސެނަލް އަދި ޗެލްސީގެ ކުރީގެ ތަރި ފެބްރެގާސް ބުނާ ގޮތުގައި، އޮލޮންސޯ އަށް ދަތިތަކާ ކުރިމަތިވަނީ ރެއާލްގެ ޑްރެސިން ރޫމުގައި ގިނަ ތަރިންތަކެއް ތިބުމުންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ މާކާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްޕެއިން ޓީމުގައި އޮލޮންސޯއާ އެކު ކުޅުނު 38 އަހަރުގެ ފެބްރެގާސް، އޮލޮންސޯގެ ކެރިއަރާ ބެހޭ ގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ބުނެފައިވެއެވެ: "އެ އެންމެންނަކީ ވެސް (ރެއާލްގެ ކުޅުންތެރިން) ވަރަށް މޮޅު ކުޅުންތެރިން. އެ އެންމެންނަކީ ވެސް ކުޅެން ހައްގުވާ ކުޅުންތެރިން. އެ އެންމެން ވެސް ގަބޫލުކުރަނީ އެމީހުން ކުޅެން ޖެހޭނެ ކަމަށް. އެ އެންމެންނަކީ ވެސް ތަފާތު ދައްކަން ޖެހޭ ކުޅުންތެރިން. އެ އެންމެންނަކީވެސް އެތައް މިލިއަން ޔޫރޯގެ އަގުހުރި ކުޅުންތެރިން. އެ އެންމެން ވެސް ކުޅެނީ އެމީހުންގެ ގައުމީ ޓީމުތަކަށް. މިކަން މެނޭޖްކުރުމަކީ ޔަގީނުންވެސް ހުރިހާ ކަމަކަށް ވުރެ އުނދަގޫ ކަމަކަށް ވާނެ."

ފެބްރެގާސްގެ ވާހަކައަށް އެއްބަސްވަމުން، ލިވަޕޫލްގެ ކުރީގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އެ ޑޮކިއުމެންޓްރީގައި ބުނެފައިވެއެވެ: "މިއީ ފަސޭހަ ކަމެއް ނޫން، ހާއްސަކޮށް މިފަދަ ލޮކަރ ރޫމެއްގައި. އެކަމަކު ޒަބީ އަކީ ސީދާކުޅުންތެރިޔާގެ މޫނަށް ކަންތައްތައް އޮތް ގޮތަށް ބުނެދޭން އެއްވެސް މައްސަލައެއް އޮތް މީހެއް ނޫން."

މިދޭތެރެއިން، 2004 އާއި 2009 އާ ދެމެދު ލިވަޕޫލަށް އޮލޮންސޯ ކުޅުނުއިރު އޭނާގެ ކޯޗަކަށް ހުރި ރެއާލްގެ ކުރީގެ ހެޑް ކޯޗު ރަފާ ބެނިޓޭޒް އިތުރަށް ބުނެފައިވަނީ، "އަހަރެން ގަބޫލުކުރަނީ ޒަބީ އޮލޮންސޯގެ ކިބައިގައި ޑްރެސިން ރޫމް މެނޭޖްކުރުމުގެ ގާބިލުކަން އެބަހުރި ކަމަށް، އެކަމާ މެދު އެއްވެސް ސުވާލެއް ނެތް."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ