ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޓާގެޓަކީ ޕޯޗުގަލްގެ ރުބެން ނެވޭޒް

ރޫބެން އަމޯރިމްގެ ސްކޮޑް ވަރުގަދަކުރުމަށްޓަކައި ޖެނުއަރީ މަހު ގެނެވިދާނެ ކުޅުންތެރިންގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑުން އެންމެ ބޮޑަށް ޓާގެޓްކުރާނެ ކުޅުނަތެރިއަކީ އަލް-ހިލާލްގެ ރޫބެން ނެވޭސް އަދި އެތުލެޓިކޯ މެޑްރިޑްގެ ކޯނަރ ގަލަގަރ ކަމަށް ދަ ގާޑިއަން އިން ރިޕޯޓްކޮށްފިއެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅު ބޯންމަތުގެ އެންޓޮއިން ސެމެންޔޯ ހޯދުމަށް ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީއާ އެކު ޔުނައިޓެޑުން ވެސް އަންނަނީ ވާދަކުރަމުންނެވެ. ނަމަވެސް އެ ފޯވާޑް އެންމެ ބޮޑަށް ބޭނުންވަނީ ލިވަޕޫލާ ގުޅުމަށް ކަމަށާއި، ދެވަނަ އިޚްތިޔާރަކީ ސިޓީ ކަމަށް ބެލެވޭތީ، އޭނާގެ ހިތް ބަދަލުކުރުމަށް އަމޯރިމްއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެއެވެ.

އަމޯރިމް ބޮޑަށް ބޭނުންވަނީ ޕްރިމިއަރ ލީގުގެ ތަޖުރިބާ ހުރި ކުޅުންތެރިން ސޮއިކުރުވުމަށެވެ. ނެވޭސް، ގަލަގަރ ދެ ކުޅުންތެރިންނަކީ ވެސް އެ ތަޖުރިބާ ހުރި ކުޅުންތެރިންނެވެ. މީގެ އިތުރުން، އަމޯރިމް އަންނަނީ ބްރައިޓަންގެ މިޑްފީލްޑަރު ކާލޯސް ބަލޭބާ ހޫނު މޫސުމުގައި ގެނައުމަށް ވެސް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މިދިޔަ ހޫނު މޫސުމުގައި ޔުނައިޓެޑުން ގަތް ކުޅުންތެރިންގެ ތެރޭގައި ބްރެންޓްފޯޑްގެ ބްރަޔަން އެމްބިއުމޯ އަދި ވުލްވްސްގެ މަތިއަސް ކޫންޔާ ހިމެނެއެވެ.

އުމުރުން 28 އަހަރުގެ ނެވޭސްގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާއިރު، އޭނާގެ އަގަކީ ގާތްގަނޑަކަށް 20 މިލިއަން ޕައުންޑެވެ. އޭނާ ވަނީ 2023 އާ ހަމައަށް ފަސް އަހަރު ވަންދެން ވުލްވްސްއަށް ޕްރިމިއަރ ލީގުގައި ކުޅެދީފައެވެ. އޭނާއަކީ ޕޯޗުގަލް ގައުމީ ޓީމަށް 63 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ނަމަވެސް، ނެވޭސްއަށް ހަފުތާއަކު ލިބޭ 350,000 ޕައުންޑުގެ މުސާރައަކީ މި ޓްރާންސްފާއަށް އެޅޭ ހުރަހަކަށް ވެދާނެއެވެ. އަދި އޭނާ ސައުދީ ކްލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނަންބަރު 6 ގެ ރޯލަށް ގެނެވިދާނެ އަނެއް ކުޅުންތެރިޔާ ކަމަށްވާ ގަލަގަރ، ޗެލްސީން އެތުލެޓިކޯއާ ގުޅުނީ 2024 ވަނަ އަހަރު ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޕެއިންގެ ކްލަބުން އޭނާގެ އަގު 40-50 މިލިއަން ޔޫރޯ (35-44 މިލިއަން ޕައުންޑް) އަށް އަންދާޒާކުރާއިރު، އެ ކްލަބުން ބޭނުންވަނީ އޭނާ ވިއްކާލާށެވެ. ނަމަވެސް ޔުނައިޓެޑުން ބޭނުންވަނީ ލޯނު އުސޫލުން އޭނާ ގެންނާށެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާ މި ސީޒަނުގައި ގިނައިން ފެނިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ތޯމަސް ޓުޗެލްގެ އިންގްލެންޑް ސްކޮޑުން އަލުން ޖާގަ ހޯދުމަށް ބޭނުންވާ ކަމަށް އޭނާ ދާދި ފަހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ