ދުނިޔޭގެ ލީޑަރުން ޓްރަމްޕަށް: މިއީ ތިބާ އަމިއްލައަށް އުފެއްދި މައްސަލައެއް، މީގެ ޒިންމާ އަމިއްލައަށް އުފުލާ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކާއި، ވަކިން ޚާއްޞަކޮށް ހޮރްމޫޒް ކަނޑުއޮޅީގެ ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ޓްރަމްޕާ ދެކޮޅަށް ތެދުވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާއަކީ އެކަނިވެސް ކަންކަން ކުރެވޭނެ ބާރެއް ކަމަށް ބުނެ، ބައިނަލްއަޤްވާމީ އެކުވެރިންނަށް ގޮންޖެހުމަށްފަހު، މިއަދު ކަންކަން ގޯސްވާން ފެށުމުން އެހީތެރިކަމަށް އެދުމުން ދުނިޔޭގެ ލީޑަރުން ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.

އޭޝިއާގެ ބާރުތަކުން ދިން ސަރީޙަ ޖަވާބު
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ ވަނީ މިކަމުގައި ޖަޕާނުން ސިފައިން ނުފޮނުވާނެކަން ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޕާނުން ބަލަމުންދަނީ މިނިވަންކަމާއެކު ކުރެވޭނީ ކޮން ކަމެއްތޯއެވެ. ހަމައެފަދައިން އޮސްޓްރޭލިއާއިން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް އެއްވެސް މަނަވަރެއް ނުފޮނުވާނެ ކަމަށް ބުނެފައެވެ. ދެކުނު ކޮރެއާއިން ވެސް މިކަމުގައި އެއްވެސް ވައުދެއް ނުވެ، ބުނެފައިވަނީ އަދިވެސް ދަނީ ދިރާސާ ކުރަމުން ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ފިނި ޖަވާބު
އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބެލެވޭ އިނގިރޭސިވިލާތުން ވެސް ވަނީ ޓްރަމްޕްގެ މި 'ހަނގުރާމައިން' ދުރުހެލިވެފައެވެ. ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވީ އީރާނާއެކު ކުރެވޭ ފުޅާ ހަނގުރާމައެއްގެ ތެރެއަށް އިނގިރޭސިވިލާތް ވަންނަން ބޭނުންނުވާ ކަމަށެވެ. ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ދެއްވީ އެންމެ ހަރުކަށި ޖަވާބެވެ. އޭނާ ވިދާޅުވީ މިއީ ޔޫރަޕްގެ ހަނގުރާމައެއް ނޫން ކަމަށާއި، މިކަން ފެށީ ވެސް ޔޫރަޕުން ނޫން ކަމަށެވެ.

އެކަހެރިވުމުގެ ނަތީޖާ
އިޓަލީއާއި ގްރީސް ފަދަ ގައުމުތަކުން ވެސް ބުނަމުންދަނީ މިއީ ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމެސީ ނުވަތަ ވާހަކަދައްކައިގެން ހައްލުކުރަންޖެހޭ ކަމެއް ކަމަށެވެ. ޓްރަމްޕްގެ ވެރިކަމުގައި ނޭޓޯގެ ބައިވެރިންނަށް މަލާމާތްކޮށް، އެކަނި ކުރިއަށް ދެވޭނެ ކަމަށް ދެއްކި ބޮޑާކަމުގެ ނަތީޖާއަކީ މިއަދު އެހީތެރިކަމަށް ބޭނުންވި ވަގުތު އެކުވެރިން ފުރަގަސްދިނުމެވެ.

ދުނިޔޭގެ މަސްރަޙުން ފެންނަމުންދަނީ އިތުބާރު ގެއްލިފައިވާ މަންޒަރެކެވެ. ޓްރަމްޕް އަމިއްލައަށް އުފެއްދި ނުތަނަވަސްކަމެއްގެ ތެރެއިން ސަލާމަތްވުމަށް އެހެން ގައުމުތަކުގެ އެހީއަށް އެދުމުން، އެ ގައުމުތަކުން ދެނީ އެއް ޖަވާބެކެވެ. އެއީ މިއީ ތިބާ އުފެއްދި މައްސަލައެއް ކަމަށާއި، މީގެ ހައްލުވެސް ހޯދަންޖެހޭނީ އަމިއްލައަށް ކަމަށެވެ. ބައިނަލްއަޤްވާމީ ގުޅުންތައް ހަލާކުކޮށްލުމަށްފަހު، ބޭނުންޖެހޭ ވަގުތު އެ ގުޅުންތަކުގެ ފައިދާ ނުލިބޭނެކަން މިއަދު މިވަނީ ސާބިތުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު