އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ ހަފުތާ ވެފައިވާއިރު، އީރާނުގެ ވެރިކަމަށް އޮތް ބަދަލެއްގެ ގޮތުގައި ކުރިން ދެކެމުން އައި ރިޒާ ޕަހްލަވީއަށް އޮތް އިތުބާރު އެގައުމުގެ ގިނަ ބަޔަކު ކަނޑާލަން ފަށައިފިއެވެ. އަމިއްލައަށް އަރުވާލެވިގެން ހުރި އިދިކޮޅު ލީޑަރުގެ ގޮތުގައި ބެލެވޭ ޕަހްލަވީއާ މެދު އާންމުންގެ މެދުގައި ނުރުހުން އުފެދެން ފެށީ، ގައުމުގެ ހާލަތު ނުރައްކާތެރި ދަނޑިވަޅެއްގައި އޮއްވައި އާންމުން މަގުތަކަށް ނުކުތުމަށް އޭނާ ގޮވާލުމާ ގުޅިގެންނެވެ.
ޚާއްޞަކޮށް، އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ސަގާފީ ފެސްޓިވަލް 'ޗަހާރުޝަންބޭ ސޫރީ' އާ ދިމާކޮށް މުޒާހަރާ ކުރުމަށް ޕަހްލަވީ ގޮވާލެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ތެހެރާންގައި ދިރިއުޅޭ އުމުރުން 39 އަހަރުގެ ދީނާ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، ކުރިން އޭނާ ގަބޫލުކުރީ ޕަހްލަވީއަކީ ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވާނެ މީހެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އެ އިތުބާރު ވަނީ ގެއްލިފައެވެ.
"އަހަރެން ހިތަށް އަރަނީ އޭނާގެ ބައްޕަގެ ސިޔާސީ ވިސްނުންތެރިކަމުގެ ކުޑަ މިންވަރެއް ނަމަވެސް އޭނާގެ ކިބައިގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ،" ދީނާ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޕަހްލަވީގެ ގޮވާލުމަށް މަގުތަކަށް ނުކުތް މީހުންނަށް ލިބުނީ ސަރުކާރުގެ ބާރުގަދަ ހަމަލާތަކާއި ވަޒަންތަކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ މުޒާހަރާތަކުގައި 7،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނުގެ ލީޑަޝިޕަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި، ފެބްރުއަރީ 28 ގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ރައްޔިތުންގެ އިންގިލާބެއް އަންނާނެ ކަމަށް އެ ގައުމުތަކުން އުންމީދު ކުރިއެވެ. ނަމަވެސް އެފަދަ ކަމެއްގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. ޕަހްލަވީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަގާފީ ފެސްޓިވަލަކީ މިހާރުގެ ސަރުކާރުން ނުރުހޭ ކަމެއް ކަމަށާއި، އެހެންކަމުން އެކަން ފާހަގަކުރުމަކީ ސަރުކާރަށް ކުރިމަތިލާނެ ގޮންޖެހުމެއް ކަމަށެވެ.
އެހެންނަމަވެސް، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި 1،500 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު، މިފަދަ ބިރުވެރި ހާލަތެއްގައި މަގުތަކަށް ނުކުމެ އުފާފާޅުކޮށް މުޒާހަރާކުރުމަށް ގޮވާލުމަކީ ހަގީގަތާ ދުރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އީރާނުގެ ރައްޔިތުން ބުނަމުންދަނީ ޕަހްލަވީގެ މި ގޮވާލުންތަކުން އެނގެނީ އޭނާ ގައުމުގެ ހަގީގީ ހާލަތާ ވަރަށް ބޮޑަށް ދުރުވެފައިވާ މިންވަރު ކަމަށެވެ.


