2028 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުން، އެ ޤައުމުގެ މިހާރުގެ ނައިބު ރައީސް ޖޭޑީ ވެންސްއަށް އޮތް ތާއީދު ކުޑަވެފައިވާކަން ހާމަވެއްޖެއެވެ.
މި ވޯޓުގައި ވެންސްއަށް ލިބިފައިވަނީ 53 އިންސައްތަ ތާއީދެވެ. މިއީ މިދިޔަ އަހަރު އޭނާއަށް ލިބުނު 61 އިންސައްތައާ އަޅާބަލާއިރު ދަށް އަދަދެކެވެ. ހަމައެއާއެކު، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެންމެ 3 އިންސައްތަ ތާއީދު ލިބުނު ރޫބިއޯ މިފަހަރު ވަނީ 35 އިންސައްތަ ވޯޓު ހޯދާފައެވެ.
މި ލިސްޓުގައި ދެން ހިމެނޭ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް، ސެނެޓަރ ޓެޑް ކްރޫޒް އަދި ޑޮނަލްޑް ޓްރަމްޕްގެ ދަރި ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ފަދަ މީހުންނަށް ލިބިފައިވަނީ ވަރަށް ކުޑަ ތާއީދެކެވެ. ރޫބިއޯއަށް އޮތް ތާއީދު އިތުރުވެފައިވަނީ ޓްރަމްޕްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގައި އޭނާ އަދާކުރައްވާ މުހިންމު ދައުރެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
މި ވޯޓުގެ ނަތީޖާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކު ކަށަވަރުވާނެ ކަމެއް ނޫން ނަމަވެސް، މިއީ ޓްރަމްޕަށްފަހު ޕާޓީގެ ލީޑަރަކަށް ވާނެ ބޭފުޅަކާ މެދު އާންމުންގެ ޚިޔާލު ހުރިގޮތް ދައްކުވައިދޭ ކަމެކެވެ. ވެންސް އާއި ރޫބިއޯ ވެސް މިހާތަނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
މިފަހަރުގެ ކޮންފަރެންސްގައި ރައީސް ޓްރަމްޕް ބައިވެރިވެފައެއް ނުވެއެވެ. ވައިޓް ހައުސްއިން ބުނި ގޮތުގައި އެއީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައާއި އެހެނިހެން މުހިންމު ކަންކަމުގައި ރައީސް މަޝްއޫލުވެ އުޅޭތީއެވެ. މިއީ ފާއިތުވި 10 އަހަރު ތެރޭގައި ޓްރަމްޕް މި ބައްދަލުވުމުގައި ބައިވެރިނުވާ ފުރަތަމަ ފަހަރެވެ.


