ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ އިޚުލާސްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ފަރެސްމާތޮޑާގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްވެސް ފައްޓަވައިދެއްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ޅަފަތުގައި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައީސް ދައްކަވަމުން ގެންދަވާ ދުރުވިސްނުންފުޅު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނޭ މަޝްރޫޢުތައް ޙިކުމަތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، "ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށްވެސް، އިޚުލާސްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާ" ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މައްޗަށްވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުގައި އިދިކޮޅު އަޣުލަބިއްޔަތު އޮތް މަޖިލީހަކުންވެސް ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ، ތަހުޒީބީ ނަމޫނާއެއް ދައްކާފައިވާކަން ނައިބު ރައީސް ހަނދާންކޮށްދެއްވިއެވެ.


