އަމިއްލައަށް މަސައްކަތްކުރާ ނުރައްކާތެރި ހަތިޔާރުތައް މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާއެއް އެކުލަވާލުމަކީ މުހިއްމުކަމެއް.

ހަނގުރާމައިގެ އުޞޫލުތައް ބަދަލުކޮށްލި ހިކުމަތްތެރި ކޮމާންޑަރު- ސިނާރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިން ފެށިގެން، އީރާނާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމައާ ހަމައަށް، ޒަމާނީ ހަނގުރާމަތަކުގައި ސިނާރު (އާޓިފިޝަލް އިންޓެލިޖެންސް / އޭއައި) ގެ ފޮރުވިފައިވާ ދައުރު ދަނީ ހާސާ ވަމުންނެވެ. ޖާސޫސްކުރުމާއި، މަޢުލޫމާތު އެއްކުރުމާއި، ރޭވުންތައް ދެނެގަތުމާއި، އަދި އަސްކަރީގޮތުން ކަންކަން ވާނެގޮތް ނުވަތަ ހުރިހާ ސިނާރިއޯތަކެއް  ދެނެގަތުމަށް މިއަދު އޭއައި ވަނީ ފާޅުވެފައެވެ. އޮޅުމެއްނެތް ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، އޭއައި އިން އިސްތިރާޖީ އަސްކަރީ ރޭވުންތައް އެކުލަވާލައެވެ. އަދި ބައި ސިކުންތު ތެރޭގައި ހަނގުރާމައިގައި ދިމާވެދާނެ އެތައް ހާސް ސިނާރިއޯއެއްގެ ސިމިއުލޭޝަންތައް (މުހާކާތު) ހަދައިދެއެވެ. އޭގެ ފަހުގައި، ހަނގުރާމައިގައި އެބަޔަކު ބޭނުން ނުރައްކާތެރި ހަތިޔާރުތަކުން ސީދާ އަމާޒަށް ޙަމަލާދިނުމުގެ ނިންމުންތައް ނިންމައެވެ. ކުރިއަށް އޮތް ތަނުގައި، އޭއައި ބޭނުންކޮށްގެން ހަނގުރާމައިގެ އުޞޫލުތަކުގައި ހޯދާނެ ކުރިއެރުންތަކެއް ތަސައްވަރުކުރަން ވެސް ނޭގެއެވެ.

"ހިކުމަތްތެރި ކޮމާންޑަރެއް އަދި މާސްކު އަޅައިގެން ހުރި ޖާސޫސެއް" ގެ ގޮތުގައި ސިފަކުރެވޭ މި ޓެކްނޮލޮޖީން ވަނީ ހަނގުރާމައިގެ މާނަ ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ. ހަނގުރާމައިގެ އޭއައި ފަންނިއްޔާތަކަށް  އެއްވެސް އަމާންކަމެއް ނެތެވެ. މިހާރު ހަނގުރާމަތަކުން ކުރިލިބެނީ މި ޓެކްނޮލޮޖީއާ ބެހޭގޮތުން އެންމެ ގިނަ މަޢުލޫމާތު އެނގޭ ބަޔަކަށެވެ. އެހެންކަމުން، މުޅި ދުނިޔެ މިހާރު ދަނީ އާ ބާވަތެއްގެ ހަތިޔާރުގެ ރޭހެއް ދެކެމުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، ޗައިނާ އަދި ރަޝިޔާއިން ދަނީ މި ޓެކްނޮލޮޖީތައް ތަރައްޤީކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރަމުންނެވެ. އަދި މިހާރު ކުރިއަށްދާ ހަނގުރާމަތަކުގައި މި ޓެކްނޮލޮޖީގެ ބޭނުންދަނީ ހިފަމުންނެވެ. މިއީ ބައިނަލްއަޤްވާމީ ޞުލްޙައަށް އޮތް ބޮޑު ނުރައްކަލެކެވެ.

އެމެރިކާ އާއި އީރާނުގެ ކުރިމަތިލުން

އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގައި އާޓިފިޝަލް އިންޓެލިޖެންސް ބޮޑު ދައުރެއް އަދާކުރެއެވެ. އެމެރިކާއިން ވަނީ މަޢުލޫމާތު ދިރާސާކުރުމަށާއި އީރާނުގެ އަސްކަރީ އަމާޒުތައް ކަނޑައެޅުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. ނޫސް ރިޕޯޓުތަކުން ބުނާ ގޮތުގައި، އެމެރިކާއިން ވަނީ "އެންތުރޮޕިކް" ކުންފުނީގެ "ކްލޯޑް"  (އެންމެ ކުރިއަރާފައިވާ އޭއައި ޗެޓްބޮޓް) މޮޑެލް ބޭނުންކޮށްގެން އީރާނުގެ ސެޓެލައިޓް ފޮޓޯތަކާއި މުވާސަލާތީ މެސެޖުތައް ދިރާސާކޮށް، އީރާނުގެ މިސައިލް ފޮނުވާ ތަންތަން ދެނެގަނެފައެވެ. އަދި ވައިގެ މަގުން ދޭނެ ޙަމަލާތައް ރޭވުމަށާއި، އަމާޒުތައް ކަނޑައަޅައި އިސްކަންދޭނެ ތަރުތީބު ކަނޑައެޅުމަށް ވެސް ކޮލޯޑް(Claude) ސިސްޓަމްގެ ބޭނުންކޮށްފައެވެ. އެމެރިކާގެ ބައެއް އަސްކަރީ ކޮމާންޑަރުން ވިދާޅުވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި އީރާނަށް އެއްގަމު މަގުން އަރައި، އެގައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހޯދުމުގެ އޮޕަރޭޝަންތަކުގައި އަސްކަރީ ރޮބޮޓްތައް ބޭނުންކުރުމުގެ ރޭވުންތައްވެސް އެމެރިކާއިން އެބަގެންގުޅެއެވެ.

އަނެއްކޮޅުން، އީރާނުން ވެސް ވަނީ އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އޭއައި ބޭނުންކޮށްފައެވެ. އެގޮތުން މަޢުލޫމާތު ދިރާސާކުރުމާއި އަމާޒުތައް ކަނޑައެޅުމުގެ އިތުރުން، މިސައިލްތަކާއި ވައިގެ ދިފާޢީ ނިޒާމުތައް ތަރައްޤީކުރުމަށާއި މުވާސަލާތީ ޚިދުމަތްތަކަށް ހުރަސްއެޅުމަށް (ޖޭމްކުރުމަށް) އޭއައި ބޭނުންކޮށްފައިވެއެވެ.

ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ހަނގުރާމަތަކުގައި އޭއައިގެ ދައުރު ފެންނަ ދިރިހުރި މިސާލެކެވެ. ދެ ފަރާތުން ވެސް ވަނީ ހަތިޔާރު އުފެއްދުމަށާއި ޖާސޫސީ ދިރާސާތަކަށް އޭއައި ބޭނުންކޮށްފައެވެ. މިސާލަކަށް، ރަޝިޔާއިން ވަނީ އޭއައިގެ އެހީގައި އުދުހޭ އަދި އަމާޒު ހޯދާ ހައިޕަރސޮނިކް މިސައިލް ނިޒާމެއް ބޭނުންކޮށްފައެވެ. އަދި އަމާޒަށް ޙަމަލާދިނުމުގެ ޔަގީންކަން އިތުރުކުރުމަށްޓަކައި ގައިޑެޑް އާޓިލަރީ (ބަޑީގެ) ނިޒާމުތަކާއި، ޖާސޫސްކުރުމަށާއި ހަނގުރާމަކުރުމަށް ޑްރޯންތައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، މުވާސަލާތީ ނިޒާމުތަކާއި ޑްރޯންތަކުގެ މަސައްކަތް ހުއްޓުވުމަށް އިލެކްޓްރޯނިކް ޖޭމިންގް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ރޮބޮޓްތައް ވެސް ބޭނުންކޮށްފައިވެއެވެ.

ޔޫކްރެއިންގެ ފަރާތުން ބަލާއިރު، އެގައުމުން ވަނީ ޖާސޫސްކުރުމަށާއި، ހަނގުރާމަކުރުމަށާއި، ސީދާ އަމާޒަށް ޙަމަލާދިނުމަށް ޑްރޯންތައް ބޭނުންކޮށްފައެވެ. އަދި ސެޓެލައިޓް ފޮޓޯތަކާއި އޯޕަން ސޯސް މަޢުލޫމާތު ދިރާސާކުރާ ސިސްޓަމްތަކުގެ އެހީ ހޯދާފައިވެއެވެ. މީގެ އިތުރުން، ދަތުރުފަތުރުކުރުމަށާއި އަމާޒުތަކަށް ޙަމަލާދިނުމަށް އޭއައިގެ މައްޗަށް ބަރޯސާވާ ހަތިޔާރުއެޅި ރޮބޮޓްތަކާއި، ޖާސޫސީ މަޢުލޫމާތު ދިރާސާކޮށް އަމާޒުތައް ކަނޑައަޅާ ސިސްޓަމްތައް ޔޫކްރެއިންއިން ބޭނުންކުރިއެވެ.

އެއް ނުރައްކަލެއް، ތަފާތު ނަންތަކެއް

ޒަމާނީ ހަތިޔާރުތަކުގެ ބާވަތްތަކާއި ނަންތައް ތަފާތުވި ނަމަވެސް، އެ ހުރިހާ އެއްޗަކީވެސް އާޓިފިޝަލް އިންޓެލިޖެންސްގެ އުފެއްދުންތަކެކެވެ. މިހާރުގެ ހަނގުރާމަތަކުގައި އޭއައިގެ އެންމެ ފާހަގަކޮށްލެވޭ ދައުރަކީ އަމިއްލައަށް މަސައްކަތްކުރާ ނިޒާމުތަކާއި (Autonomous Systems) ނުރައްކާތެރި ހަތިޔާރުތަކެވެ. މީގެ ތެރޭގައި:

  • ސްވޯމް ޑްރޯންސް (Swarm Drones): އިންސާނެއްގެ ސީދާ ތަދައްޚުލުވުމެއް ނެތި، އެއް ޑްރޯން އަނެއް ޑްރޯނާ މުވާސަލާތުކޮށްގެން އެކުގައި ވަރުގަދަ ޙަމަލާތައްދޭ ޑްރޯންތައް.

  • އެއްގަމު ރޮބޮޓްތަކާއި ކަނޑުއަޑީގެ ޑްރޯންތައް: މައިންތައް ނައްތާލުމަށާއި، ނުރައްކާތެރި ސަރަޙައްދުތައް ބެލުމަށާއި، ނުވަތަ އިންސާނުންނަށް ނުވަދެވޭނެ ފަދަ ނުރައްކާ މާޙައުލުތަކުގައި ޙަމަލާގެ އޮޕަރޭޝަންތައް ހިންގުން.

  • މީގެ އިތުރުން، ސެޓެލައިޓްތަކާއި ޖާސޫސީ ވަސީލަތްތަކުން ލިބޭ މިލިއަނަކަށްވުރެ ގިނަ ފޮޓޯތަކާއި، ވީޑިއޯތަކާއި، މަޢުލޫމާތުތައް ދިރާސާކޮށް، ދުޝްމަނުން ތިބި ތަންތަން ދެނެގަނެ، އާދަޔާޚިލާފު ހަރަކާތްތައް މޮނިޓަރުކޮށް، ކުރީގެ ތަޖުރިބާތަކަށް ބަލައި ކުރިއަށް ހުރި އަސްކަރީ ރޭވުންތައް ތަންފީޒު ކުރުމުގެ ޤާބިލުކަން އޭއައި އަށް ލިބިގެންވެއެވެ.

އަދި އަސްކަރީ ކޮމާންޑަރުންނަށް އިސްތިރާޖީ ނިންމުންތައް ނިންމުމަށާއި ހަނގުރާމަ މެނޭޖުކުރުމަށް އޭއައިގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. މިއީ ހަނގުރާމައިގެ އެތައް ހާސް ސިނާރިއޯއެއް ސިމިއުލޭޓް ކުރުމަށްފަހު ހުށަހަޅާ އިސްތިރާޖީ އިޚްތިޔާރުތަކެކެވެ. މީގެ އިތުރުން، އަސާސީ ޚިދުމަތްތަކަށް (ކަރަންޓާއި މުވާސަލާތީ ނެޓްވޯކްތަކަށް) ވަރުގަދަ ސައިބަރ ޙަމަލާތައް ދިނުމާއި، އަމިއްލަ ސިސްޓަމްތައް ސައިބަރ ޙަމަލާތަކުން ދިފާޢުކުރުމުގައިވެސް އޭއައި ބޭނުންކުރެވެއެވެ. ލޮޖިސްޓިކްސްގެ ދާއިރާއިން ބަލާއިރު، މަތިންދާބޯޓުތަކާއި ޓޭންކަރުތަކަށް މައްސަލައެއް ދިމާވުމުގެ ކުރިން އެކަން ދެނެގަތުމާއި، ވަގުތުން ވަގުތަށް ހަތިޔާރާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ސަޕްލައި ލައިންތައް އަމިއްލައަށް ހިންގުމުގައިވެސް އޭއައި ބޮޑު ދައުރެއް އަދާކުރެއެވެ.

ނުރައްކާތަކާއި ކަންބޮޑުވުންތައް

އޭއައިގެ ސަބަބުން އަސްކަރީ ގޮތުން "ކާމިޔާބީތަކެއް" ލިބުނު ނަމަވެސް، މިއީ މުޅި ދުނިޔޭގައި ބިރުވެރި ކަންބޮޑުވުންތަކެއް އުފައްދަމުންދާ ކަމެކެވެ. މީގެ ތެރޭގައި އަޚްލާޤީ ގޮތުން ނިންމަންޖެހޭ ނިންމުންތަކުގެ މައްސަލަ ހިމެނެއެވެ. އެއްވެސް އިންސާނީ އިޙްސާސެއް ނުވަތަ އުޞޫލެއް ނެތް މެޝިނަކަށް، ނުރައްކާތެރި ދަނޑިވަޅެއްގައި ހަނގުރާމަވެރިއަކާއި އާންމު ރައްޔިތަކު ތަފާތު ކުރަން އެނގޭނެ ހެއްޔެވެ؟ އަދި އަލްގޮރިދަމަށް އަމާޒު ކަނޑައެޅުމުގައި ގޯހެއް ހެދިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މީގެ އިތުރުން، މި ޓެކްނޮލޮޖީތަކުގެ މައްޗަށް އިންސާނުންނަށް އޮތް ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. މިއީ ސޮފްޓްވެއަރއަށް ދިމާވާ މައްސަލައެއްގެ ސަބަބުން "އޮޅުމަކުން" ބޮޑެތި ހަނގުރާމަތަކެއް ފެށުމަށް މަގުފަހިވެދާނެ ކަމެކެވެ. އަދި އޯޕަން ސޯސްކޮށް ހުންނަ އޭއައި ޓެކްނޮލޮޖީތައް ޓެރަރިސްޓް ޖަމާޢަތްތަކުގެ އަތްދަށަށް ގޮސް، އާދައިގެ ވިޔަފާރި ޑްރޯންތައް ބަދަލުކޮށްގެން މީހުން މަރާ، ވިސްނުންތޫނު ހަތިޔާރަށް ހަދާފާނެ ކަމުގެ ބިރުވެސް އެބައޮތެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތައް

މި ބިރުވެރި ކުރިއެރުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢު އޮތީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މި ޓެކްނޮލޮޖީ ކޮންޓްރޯލް ކުރުމަށް ދަނީ މެދުނުކެނޑި މަސައްކަތްތަކެއް ކުރެވެމުންނެވެ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި، އަލްގޮރިދަމްތައް ކިތަންމެ މޮޅުވި ނަމަވެސް، އޭގައި "އިންސާނީ ވިސްނުމެއް" ނުހުރެއެވެ. އޮޅުންބޮޅުން ބޮޑު ޙާލަތްތައް ވަޒަންކުރުމުގެ ޤާބިލުކަމެއް ނުހުރެއެވެ. އެހެންކަމުން، މީހުން މެރުމުގެ ނިންމުން ނިންމުމަށް ޤާނޫނީ ގޮތުން އެއީ އެކަށީގެންވާ އެއްޗެއް ނޫނެވެ.

ހަނގުރާމަތަކުގައި އޭއައި ބޭނުންކުރުމުގެ ނުރައްކަލާ މެދު ބައިނަލްއަޤްވާމީ ގޮތުން ބޮޑު ބައިބައިވުމެއް އެބައޮތެވެ. އދ. އާއި ގިނަ ޖަމްޢިއްޔާތަކުން  ގޮވާލަނީ، އިންސާނެއްގެ ސީދާ ބެލުމެއް ނެތް "އަމިއްލައަށް މަސައްކަތްކުރާ ނުރައްކާތެރި ހަތިޔާރުތައް" (Lethal Autonomous Weapons) މަނާކުރާ ބައިނަލްއަޤްވާމީ މުޢާހަދާއެއް އެކުލަވާލުމަށެވެ.

ނަމަވެސް، އެމެރިކާ، ޗައިނާ އަދި ރަޝިޔާ ފަދަ ބޮޑެތި ބާރުތަކުން މިކަމާ ދެކޮޅު ހަދައެވެ. އެގައުމުތަކުން ބޭނުންވަނީ ހަރުކަށިކޮށް މަނާކުރުމުގެ ބަދަލުގައި "އިރުޝާދީ އޮނިގަނޑުތަކެއް" ނުވަތަ "އަޚްލާޤީ އުޞޫލުތަކެއް" ކަނޑައެޅުމަށެވެ. އެގައުމުތަކުން ބުނާ ގޮތުގައި މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންނަށް ހެދޭ ގޯސްތައް މަދުވެ، އަމާޒަށް ޙަމަލާދިނުން ކަށަވަރުވާނެއެވެ. އަދި އަނެއް ސަބަބަކީ، ދުޝްމަނުންގެ ކުރިމަތީގައި ޓެކްނޮލޮޖީގެ ރޭހުން ފަހަތަށް ދާން އެގައުމުތަކުން ބޭނުންމެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ