އިސްތަންބޫލް (31 މޭ 2026): ތުރުކީގެ ހުޅަނގު ސަރަޙައްދެއްގައި މިއަދު ހެނދުނު، ބަހެއް އެކްސިޑެންޓްވެ، އޭގައި އަލިފާން ރޯވުމުގެ ސަބަބުން 9 މަހުގެ ފިރިހެން ކުއްޖަކާއެކު ޖުމްލަ 8 މީހުން މަރުވެއްޖެއެވެ.
"ޕަމުއްކާލޭ ޓޫރިޒަމް" ކުންފުނީގެ މި ބަސް އެކްސިޑެންޓްވީ ދެނިޒްލީ ޕްރޮވިންސްގެ ހައިވޭއެއްގެ ހުރަސްތަކުގައި ޖެހިގެންނެވެ. މިހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ގަޑިން މެންދަމުން 1:40 ގައެވެ. މި ބަހަކީ އިޒްމީރުން ފުރައިގެން މެޑިޓަރޭނިއަން ސިޓީއެއް ކަމަށްވާ އަންޓާލިއާއަށް ދަތުރުކުރި ބަހެކެވެ. އެކްސިޑެންޓްވީއިރު އެބަހުގައި 38 ފަސިންޖަރުންނާއި 3 މުވައްޒަފުން ތިއްބެވެ.
މި ހާދިސާގައި 33 އެއްހާ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ބަސް ދުއްވަން އިން 50 އަހަރުގެ ޑްރައިވަރާއި، އެކްސިޑެންޓްގައި މަރުވި ތުއްތު ކުއްޖާގެ ބައްޕަ ވެސް ހިމެނެއެވެ.
އެކްސިޑެންޓަށްފަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަގުގެ އެއްފަރާތެއްގައި އޮތް އެ ބަސް ވަނީ އަލިފާން ރޯވުމުގެ ސަބަބުން އެއްކޮށް އަނދާ ހުލިވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހަކީ އަޟްޙާ ޢީދު ގެ ފަހު ދުވަހެވެ. މިފަދަ ދީނީ މުނާސަބަތުތަކާ ދިމާކޮށް މީހުން އާއިލާއަށް ޒިޔާރަތްކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ގިނައިން ދަތުރުފަތުރުކުރާތީ، ތުރުކީގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އާންމުކޮށް މި ދުވަސްވަރު އިތުރުވެއެވެ.


