ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު. ފޮޓޯ: ހޯރަފުށީ ކައުންސިލް އިދާރާ

ހޯރަފުށިން ޤަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި ދަޢުވާކުރަން ފޮނުވައިފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ޤަވާއިދާ ޚިލާފަށް ބިމެއް ދޫކޮށްފައިވާ މައްސަލައެއްގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ. އޭސީސީއިން ހާމަކުރި ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފޮނުވި މި މައްސަލަ ޕީޖީ އޮފީހުން މިހާރު ވަނީ ބަލައިގަނެފައެވެ.

މި މައްސަލައަކީ ފެބްރުއަރީ 2023 ގައި ބޭއްވި ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއެއްގައި، ތެލުގެ ވިޔަފާރި ކުރުމަށްޓަކައި 5,000 އަކަފޫޓުގެ ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" އަށް ކުއްޔަށް ދޫކުރަން ނިންމި ނިންމުމާ ގުޅިގެން ބެލި މައްސަލައެކެވެ. އެ ބިން ދޫކުރުމުގައި އުސޫލުން ބޭރުން ކަންކަން ކޮށްފައިވާތީ އޭސީސީއިން ވަނީ ތަހުގީގަށްފަހު ދަޢުވާކުރަން ފޮނުވާފައެވެ.

ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަކީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، ނައިބު ރައީސް އަޙްމަދު އީމްދާޙް، ކައުންސިލް މެންބަރު ޝާކިރު، ކައުންސިލް މެންބަރު އަޙްމަދު ރަޢޫފް، ކައުންސިލް މެންބަރު މަރްޔަމް ވަކީލާ، ކައުންސިލް މެންބަރު އާމިނަތު ވިސާމާ، އަދި ކައުންސިލް މެންބަރު އާމިނަތު ނާޞިޙާއެވެ.

މި ހަތް ކައުންސިލަރުންގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ