ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާކުރެއްވުން، ފޮޓޯ: މިނިސްޓަރު ސަޢީދުި

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އިންވެސްޓްމެންޓްގެ ދާއިރާއިން އެކުލަވާލާފައިވާ މުޢާހަދާ ފައިނަލްކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ޤާއިމުކުރުމާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ޝްރީ ޕިއުޝް ގޯޔަލްއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާ ފުޅާކުރުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު އެފްޓީއޭގެ ރަސްމީ މަޝްވަރާތައް މިހާރު ފެށިފައިވާތީ ދެ ވަޒީރުންވެސް ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެ ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކަށް މި މަޝްވަރާތައް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެ ބޭފުޅުންމެ ދެއްވިއެވެ.

ދެ ޤައުމުގެ އިޤްތިޞާދީ ވުޒާރާތަކުން ފާހަގަކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް އައު ބާޒާރުތަކުން ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި ވިޔަފާރި ކުރުމުގައި ދިމާވާ ހުރަސްތަކާއި ދަތިތަކަށް އެކަށީގެންވާ ޙައްލެއް ލިބި، އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް މަސައްކަތް ކުރާނެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެއެވެ. މީގެ އިތުރުން، މި ފަދަ އިޤްތިޞާދީ ޙަރަކާތްތަކާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ޖެހިގެންދާނެކަންވެސް ދެ ފަރާތުން ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢައިޝަތު އަޒީމާގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައިކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ