ގިނަ ބަޔަކަށް މޭވާއަކީ ކާބޯތަކެތީގެ ތެރެއިން އެންމެ ސިއްހީ ފައިދާ ބޮޑު އެކައްޗެވެ. އެއީ ގުދުރަތީ އެއްޗަކަށް ވާތީ، ސިއްހަތަށް ބިރެއް ނެތި ބޭނުންވަރަކަށް ކެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، ކާނާއާ ބެހޭ މާހިރުން ބުނާ ގޮތުގައި ސިއްހީ ފައިދާ ހުރި މޭވާތައް ވެސް މާ ގިނައިން ކެއުމަކީ މައްސަލައަކަށް ވެދާނެއެވެ. ހާއްސަކޮށް ހަކުރުބަލި ހުންނަ މީހުންނާއި، އެ ބަލީގެ ނުރައްކާ އޮތް މީހުންނަށެވެ.
ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް މޭވާ ކަަމުގައިވާ އަނބަކީ ވިޓަމިން ސީ، ވިޓަމިން އޭ، ފައިބަރު، އެންޓިއޮކްސިޑެންޓްސް އަދި ގަސްގަހާގެހިން ލިބޭ އެހެނިހެން ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ، އެންމެ ފޮނި އެއް މޭވާއެވެ. މި ހުރިހާ ސިއްހީ ފައިދާތަކެއް ހުރި ނަމަވެސް، އޭގައި ގުދުރަތީ ހަކުރު ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. ކާނާއާ ބެހޭ މާހިރުން ބުނާ ގޮތުގައި އެންމެ އަނބެއްގައި 20 އާއި 25 ގްރާމާ ދެމެދުގެ މިންވަރަކަށް ގުދުރަތީ ހަކުރު ހުރެދާނެއެވެ. އެހެންކަމުން ކާ މިންވަރަށް ސަމާލުވުން މުހިންމެވެ.
ފޮނިކާތަކެއްޗާއި ހަކުރު އަޅާފައި ހުންނަ ބުއިންތަކާ ހިލާފަށް، މޭވާގައި ހުންނަ ގުދުރަތީ ހަކުރާއެކު ފައިބަރާއި، ވިޓަމިން އަދި މިނަރަލްސް ލިބެއެވެ. ފައިބަރުގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު ދަމާލުން ލަސްކޮށްދީ، ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިޔުން ހުއްޓުވައިދެއެވެ. އެހެންކަމުން، އަނބު ފަނި ބުއިމަށްވުރެ ނުވަތަ އަނބު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮނިކާތަކެތި ކެއުމަށްވުރެ، މުޅި އަނބު ކެއުން އާންމުކޮށް ސިއްހަތަށް ރަނގަޅެވެ. ސަބަބަކީ ފަނި ގިރާއިރު ފައިބަރު މަދުވެ، ހަކުރު މާ އަވަހަށް ހަށިގަނޑަށް ދަމައިގަންނާތީއެވެ.
މާހިރުން ބުނާ ގޮތުގައި އެއްފަހަރާ މާ ގިނައިން މޭވާ ކެއުމަކީ ވެސް ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުމަށް މެދުވެރިވާ ކަމެކެވެ. މި ނުރައްކާ ހަކުރުބަލި ހުންނަ މީހުންނާއި، ހަކުރުބަލީގެ ކުރީގެ މަރުހަލާގައި ތިބޭ މީހުންނަށް ބޮޑެވެ. ނަމަވެސް، ސިއްހަތު ރަނގަޅު މީހުން ވެސް އެއްފަހަރާ ގިނަ އަދަދަކަށް ފޮނި މޭވާ ކެއުމުން ވަރުބަލިކަން އިހުސާސް ކުރަން ޖެހިދާނެއެވެ.
މޭވާގެ ސަބަބުން ލޭގެ ހަކުރަށް އަސަރުކުރާ ގޮތް ބަދަލުވާ ބައެއް ކަންތައްތައް ހުރެއެވެ. މީގެ ތެރޭގައި ކާ މިންވަރާއި، މޭވާގައި ހުންނަ ގުދުރަތީ ހަކުރުގެ މިންވަރާއި، ފައިބަރު ހުންނަ މިންވަރާއި، މޭވާ ދޮންވެފައިވާ މިންވަރު އަދި މޭވާއާއެކު ކާ އެހެނިހެން ތަކެތި ހިމެނެއެވެ. އަނބާއެކު ޕްރޮޓީން ގިނަ ކާނާ ނުވަތަ ސިއްހަތަށް ފައިދާހުރި ފެޓްސް (މިސާލަކަށް ބަދަން) ކެއުމަކީ ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިޔުން ކުޑަކޮށްދޭނެ ކަމެކެވެ.
އަނބުގައި ގުދުރަތީ ހަކުރު ހުރި ނަމަވެސް، އޭގެ ގްލައިސީމިކް އިންޑެކްސް ހުންނަނީ 51 ގައެވެ. މިއީ ދަށް ނުވަތަ މެދު މިންވަރެއްގެ އަދަދެކެވެ. މާނައަކީ ޕްރޮސެސްކޮށްފައިވާ ފޮނިކާތަކެއްޗާ އަޅާބަލާއިރު އަނބުން ލޭގެ ހަކުރު މައްޗަށްދާލެއް ލަހެވެ. ނަމަވެސް، ޖުމްލަ ގްލައިސީމިކް ލޯޑް ބިނާވެފައިވަނީ ކާ މިންވަރުގެ މައްޗަށެވެ.
ހަކުރުބަލި ހުންނަ މީހުން އަނބު ކެއުން މުޅިން ހުއްޓާލާކަށް ނުޖެހެއެވެ. މާހިރުން ލަފާދެނީ މިންވަރަށް ބަލައިގެން ކެއުމަށެވެ. ހާއްސަކޮށް ފައިބަރު ގިނަ ހެނދުނުގެ ނާސްތާއަކަށް ފަހު ނުވަތަ ޕްރޮޓީންއާ އެކު އަނބު ކެއުމުން ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ކޮންމެ މީހެއްގެ ވެސް ހާލަތު ތަފާތުވާނެތީ، ކެއުމަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ޑޮކްޓަރެއްގެ ނުވަތަ ޑައިޓީޝަނެއްގެ ލަފާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.
މާ ގިނައިން މޭވާ ކެވޭކަމުގެ ބައެއް ނިޝާންތަކުގެ ތެރޭގައި، ހަމަހަމަ ކާނާގެ ބަދަލުގައި ހަމައެކަނި މޭވާ ކެއުމާއި، ގިނަ އަދަދަކަށް މޭވާ ފަނި ބުއިމާއި، އެއްފަހަރާ ގިނަ އަދަދެއްގެ ފޮނި މޭވާ ކެއުމާއި، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެލޮރީ ހަށިގަނޑަށް އެތެރެވުން ހިމެނެއެވެ.
ކާނާއާ ބެހޭ މާހިރުންގެ މެސެޖަކީ ސާދާ މެސެޖެކެވެ. މޭވާއަކީ ސިއްހީ ގޮތުން ރަނގަޅު ކާނާގެ މުހިންމު ބައެކެވެ. ލޭގެ ހަކުރަށް ބޭކާރު ބުރައެއް ނުޖައްސައި، އޭގެ ފައިދާ ހޯދުމަށްޓަކައި އަނބާއި އެހެނިހެން މޭވާތައް ވެސް ކާން ޖެހޭނީ މިންހެޔޮ، އެކަށީގެންވާ މިންވަރަކަށެވެ.


