ފޮޓޯ: ރޮއިޓަރސް

އީރާނުން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފި

އީރާނަށް ޙަމަލާ ދިނުމަށް އެއްވެސް ޤައުމެއްގެ ބިމާއި ވަޞީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު އެމެރިކާއަށް ނުދިނުމަށް ސަރަޙައްދީ ޤައުމުތަކަށް އިންޒާރު ދިނުމަށްފަހު، އީރާނުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަނެއްކާވެސް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އުރުދުން، ބަޙްރައިން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށެވެ. އެގޮތުން، އުރުދުންގެ އަމީރު ޙަސަން ވައިގެ ބަނދަރަށް ދިން ޙަމަލާތަކުގައި އެތަނުގެ ތެޔޮ ރައްކާކުރާ ގުދަންތަކާއި ހަތިޔާރު ގުދަންތަކުގައި ވަނީ ރޯވެފައެވެ. އައިއާރްޖީސީން ބުނި ގޮތުގައި މިއީ އީރާނުގެ އައްސޭރިފަށުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން އެންމެ ފަހުން ދިން ޙަމަލާތަކަށް ރައްދު ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.

މީގެ އިތުރުން، ބަޙްރައިންގެ ޝައިޚް ޢީސާ ވައިގެ ބަނދަރަށާއި، ކުވައިތުގެ ދެ ވައިގެ ބަނދަރަކަށް ވެސް ޙަމަލާތައް އަމާޒުކޮށް، ހެލިކޮޕްޓަރު މަރާމާތުކުރާ މަރުކަޒަކާއި ޑްރޯން ކޮމާންޑް ސެންޓަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. ހަމައަތްއާއެކު، ހުރްމުޒް ކަނޑުއޮޅީގައި ސަލާމަތަށް ނުރައްކާކުރި ކަމަށް ތުހުމަތުކުރެވޭ ބޭރުގެ ދެ އުޅަނދަކަށް އީރާނުގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ.

މި ޙަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ޤައުމަށް ޙަމަލާ ދިނުމަށް ބޭނުންކުރާ ކޮންމެ ތަނަކަށް ރައްދުގައި ޙަމަލާ ދިނުމުގެ ޤާނޫނީ ޙައްޤު ތެހްރާނަށް ލިބިގެންވާ ކަމަށެވެ. އަދި އަވައްޓެރި ޤައުމުތަކުގެ ބިމާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުޞަތު ބޭރުގެ ބާރަކަށް ނުދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން އެ ޤައުމުތަކުގެ ޒިންމާއެއްކަން ވެސް ހަނދުމަކޮށްދިނެވެ.

އީރާނުން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ދީފައިވާ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ވުޒާރާއިން ތުހުމަތުކުރި ގޮތުގައި އެމެރިކާގެ ޢަމަލުތަކަކީ އދ. ގެ ޗާޓަރާ ޚިލާފު ޖަރީމާއެކެވެ. އަދި ޢާންމު ދަތުރުފަތުރުގެ ބިނާރަށް ޙަމަލާދީ އެމެރިކާއިން "ހަނގުރާމައިގެ ޖަރީމާތައް" ހިންގަމުންދާ ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަތުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ