ޑޮކްޓަރުންގެ އިންޒާރު: ބަނޑުގެ ސަރުބީއަށް ސަމާލުވޭ!

ގިނަ ބަޔަކަށް ބަނޑުގެ ސަރުބީ ފެންނަނީ ހަމައެކަނި ސިފައަށް އަންނަ ބަދަލެއްގެ ގޮތުގައި ނުވަތަ އުމުރުން ދުވަސްވުމުން ދިމާވާ އުނދަގޫ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، އުނަގަނޑު ވަށައިގެން ޖަހާ އިތުރު ސަރުބީއަކީ ވަރަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއްގެ ނިޝާނެއް ކަމަށް ބުނެ ސިއްހީ މާހިރުން ދަނީ އިތުރަށް އިންޒާރު ދެމުންނެވެ. ދިރާސާތަކުން މިހާރު ދައްކާ ގޮތުގައި ބަނޑުގެ ސަރުބީ، ހާއްސަކޮށް ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައި ހުންނަ ބާވަތުގެ ސަރުބީއަކީ، ކެންސަރުގެ އެކި ބާވަތްތައް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.

ހަމުގެ ދަށުގައި ހުންނަ ސަރުބީއާ ހިލާފަށް، "ވިސެރަލް ފެޓް" އަކީ ފުރަމޭ، ޗިސްމޭ އަދި ގޮހޮރު ފަދަ މުހިންމު ގުނަވަންތަކުގެ ވަށައިގެން ހުންނަ ސަރުބީއެވެ. މި ބާވަތުގެ ސަރުބީއަކީ މެޓަބޮލިކް ގޮތުން ހަރަކާތްތެރި އެއްޗެކެވެ. މީގެ މާނައަކީ މިއީ މެދުނުކެނޑި ހަށިގަނޑުގެ ތެރެއަށް އިންފްލެމޭޓަރީ ކެމިކަލްތަކާއި، ހޯރމޯންތަކާއި ޕްރޮޓީންތައް ދޫކުރާ އެއްޗެކެވެ. ދުވަސްވުމުން، މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ އާންމު މަސައްކަތްތަކަށް ބުރޫއަރައި، ދާއިމީކޮށް ހަށިގަނޑު ދުޅަވުމަށް މަގުފަހިވެ، އިންސިއުލިން ރެސިސްޓެންސް އުފެދެއެވެ. މިއީ އާދަޔާ ހިލާފަށް ސެލްތައް އުފެދުމަށް ބޭނުންވާ މާހައުލެއް ގާއިމުކޮށްދޭ ބަދަލުތަކެކެވެ.

ޑޮކްޓަރުން ބާރުއަޅާ ގޮތުގައި ބަނޑުގެ ސަރުބީއަކީ ސީދާ ކެންސަރު ޖައްސާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މީގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ދިފާއީ ނިޒާމުން ހަލާކުވެފައިވާ ސެލްތައް ނައްތާލުމުގެ ބަދަލުގައި، އެ ސެލްތައް ދިރިހުރެ އިތުރުވުމަށް މަގުފަހިވާ ބަޔޮލޮޖިކަލް ބަދަލުތައް އައުމުގެ ފުރުސަތު ބޮޑުކޮށްދެނީއެވެ.

އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުން ބުނާ ގޮތުގައި، ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ މަދުވެގެން 13 ބާވަތެއްގެ ކެންސަރާ ގުޅުންހުރި ކަމެކެވެ. މީގެ ތެރޭގައި ގޮހޮރު، ފުރަމޭ، ޗިސްމޭ، ގުރުދާ، ރަހިމު އަދި އިއްދައިން ކެނޑުމަށްފަހު ޖެހޭ އުރަމަތީގެ ކެންސަރުގެ އިތުރުން ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، މާގިނައިން ބަނގުރާ ބުއިމާއި އަދި ހަށިގަނޑު ހަރަކާތްތެރިކޮށް ނޫޅުމުގެ އިތުރުން، ބަރުދަން އިތުރުވުމާއި ފަލަވުމަކީ ކެންސަރު ޖެހުމަށް މެދުވެރިވާ، ރައްކާތެރިވެވިދާނެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމަނާފައެވެ.

ބަނޑުގެ ސަރުބީއާ މެދު ހާއްސަކޮށް ކަންބޮޑުވާންޖެހޭ އެއް ސަބަބަކީ، ގިނަ ފަހަރަށް މީގެ ސަބަބުން ހަކުރު ބަލި، ލޭމަތިވުން، ފުރަމޭގައި ސަރުބީ ޖެހުން، ކޮލެސްޓްރޯލް މަތިވުން އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާތީއެވެ. މި ހުރިހާ ކަމެއް އެކުވުމުން ހަށިގަނޑަށް އިތުރު ބުރައެއް އުފުލަންޖެހި، ދިގު މުއްދަތުގެ ސިއްހީ ނުރައްކާތައް އިތުރުވެގެންދެއެވެ.

ސިއްހީ މާހިރުން އިތުރަށް އިންޒާރު ދޭ ގޮތުގައި، ކިރާ މެޝިނުން ދައްކާ ބަރުދަން ރަނގަޅުވުމަކީ އެ މީހެއްގެ ހަށިގަނޑުގައި ނުރައްކާތެރި މިންވަރަކަށް "ވިސެރަލް ފެޓް" ނެތް ކަމުގެ ހެއްކެއް ނޫނެވެ. ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމާއި، ނުރަނގަޅު ކެއުމުގެ އާދަތަކާއި، މަސްތައް މަދުވުމަކީ ބަނޑުގެ އެތެރޭގައި ސަރުބީ ފޮރުވިފައި ހުރުމަށް މަގުފަހިވާ ކަންކަމެވެ. އެހެންކަމުން، އުނަގަނޑުގެ ވަށަމިނަކީ ސިއްހަތު ދެނެގަތުމަށް ބޭނުންކުރެވޭ މުހިންމު މިންގަނޑެކެވެ.

ސަމާލުވާންޖެހޭ ނިޝާންތަކުގެ ތެރޭގައި، ބަރުދަން އެއްވަރެއްގައި ހުރި ނަމަވެސް އުނަގަނޑު ފުޅާވުން، ބަނޑު ވަށައިގެން ސަރުބީ ޖެހުން، ޕްރީ-ޑައިބެޓީސް ނުވަތަ ހަކުރު ބަލި ހުރުން، އާންމު ޗެކަޕްތަކުން ފުރަމޭގައި ސަރުބީ ހުރިކަން އެނގުން، ލޭމަތިވުން، ކޮލެސްޓްރޯލް މަތިވުން އަދި އާއިލާގައި ފަލަވުމާ ގުޅުންހުރި ކެންސަރުގެ ތާރީހެއް އޮތުން ހިމެނެއެވެ.

އުފާވެރި ހަބަރަކީ، "ވިސެރަލް ފެޓް" އަކީ އަމިއްލަ މަސައްކަތުން މަދުކުރެވިދާނެ، ކެންސަރުގެ ނުރައްކާ ކުޑަކުރެވޭ މަދު ސަބަބުތަކުގެ ތެރެއިން އެއް ކަންތައް ކަމެވެ.ގަވާއިދުން ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމާއި، އެއަރޯބިކް ކަސްރަތާއި ކަށި ވަރުގަދަ ކުރުމަށް ކުރާ ކަސްރަތުތައް އެކުލަވައިލުމާއި، ތަރުކާރީއާއި، މޭވާއާއި، ގްރެއިންސް އަދި ލީން ޕްރޮޓީން ހިމެނޭހެން މިންހެޔޮ ކާނާއެއް ކެއުމާއި، ޕްރޮސެސްކޮށްފައިވާ ކާނާއާއި ހަކުރު ގިނަ ބުއިންތައް މަދުކުރުމާއި، ފުރިހަމައަށް ނިދި ހަމަކުރުމާއި، ސްޓްރެސް މެނޭޖްކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމުގެ އިތުރުން ހަކުރުލީ ބުއިންތަކުން ދުރުހެލިވުމަކީ ދިގު މުއްދަތުގައި ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. މީގެ އިތުރުން، ބަލިތައް ކުރިއާލާ ދެނެގަނެވިއްޖެނަމަ ފަރުވާގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވާތީ، ގަވާއިދުން ސިއްހީ ޗެކަޕްތައް ހެދުމަށް ކަމާބެހޭ މާހިރުން ލަފާދެއްވައެވެ. ހާއްސަކޮށް މާބޮޑަށް ފަލަވުމާއި، ހަކުރުބަލި ހުންނަ މީހުންނާއި ނުވަތަ އާއިލާގައި ކެންސަރުގެ ތާރީޚެއް އޮންނަ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ