ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ހާމަކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން އިމިގްރޭޝަނުން ހިންގާ ޚާއްޞަ ރެއިޑް އޮޕަރޭޝަންތަކުގެ ދަށުން، 2023 ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެތެރޭގައި ޑީޕޯޓްކުރި މީހުންނާއި އެނޫން ގޮތްގޮތަށް ފޮނުވާލި މީހުން ހިމެނޭއިރު، ގިނައީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރި މީހުންނާއި ލިޔެކިޔުން ފުރިހަމަނޫން މީހުންނެވެ.

މި މަސައްކަތުގެ ތެރެއިން ވޯކް ޕާމިޓްތަކުގެ ޞައްޙަކަން ކަށަވަރުކުރަމުންދާއިރު، ޞައްޙަ ޕާމިޓާއެކު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަނީ 208,937 އަށް އަރާފައެވެ. އަދި 2 ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކްސް (އިނގިލީގެ ނިޝާނާއި ފޮޓޯ) ވަނީ ނަގާފައެވެ. އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރަށްރަށާއި، ރިސޯޓުތަކާއި ސިނާޢީ ރަށްތައް ހިމެނޭހެން މުޅި ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމެވެ.


