މެލޭޝިޔާގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކު ދިރިއުޅެމުން ދާކަން އެނގިއްޖެނަމަ، އެމީހަކު ވަގުތުން ޤައުމުން ޑީޕޯޓްކޮށްލާނެ ކަމަށް، އެޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ، އެޤައުމުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޮހޯރްގައި ހިންގާ އަމިއްލަ ރެސިޑެންޝަލް ކޮމިއުނިޓީއެއް ހިންގުމުގައި އިސްރާއީލު މީހަކު ބައިވެރިވާ ކަމަށް ބުނާ މައްސަލައެއް ކަމާބެހޭ އިދާރާތަކުން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އަންވަރު އިބްރާހީމް ވިދާޅުވީ، ކަމާބެހޭ އެޖެންސީތަކުން މި ތުހުމަތުތައް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، މި ވާހަކަތަކަކީ ޙަޤީޤަތެއްކަން ސާބިތުވެއްޖެނަމަ، ސަރުކާރުން އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށެވެ. މި ޚަބަރު ރިޕޯޓްކޮށްފައިވަނީ މެލޭޝިޔާގެ އިނގިރޭސި ނޫހެއް ކަމަށްވާ "ފްރީ މެލޭޝިޔާ ޓުޑޭ" އިންނެވެ.
"އަޅުގަނޑުމެންނަށް އިސްރާއީލުގެ އެއްވެސް މީހަކު ފެނިއްޖެނަމަ، ވަގުތުން ޑީޕޯޓްކޮށްލާނަން. ސަބަބަކީ އަޅުގަނޑުމެން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަންނަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
މެލޭޝިޔާއިން އިސްރާއީލު ބަލައިނުގަންނާތީ، ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން މެލޭޝިޔާއަށް އެތެރެވުން އާންމުކޮށް އޮންނަނީ މަނާކޮށްފައެވެ.
މެލޭޝިޔާގެ ހޯމް މިނިސްޓްރީން މި ތަޙުޤީޤު ފަށާފައިވަނީ، ޖޮހޯރް ސްޓޭޓްގައި ހިންގާ ސްޓާޓްއަޕް ކޮމިއުނިޓީއެއް ކަމަށްވާ "ނެޓްވޯކް ސްކޫލް" އާ ގުޅޭގޮތުން އުފެދިފައިވާ ތުހުމަތުތައް ފެޑެރަލް ފެންވަރެއްގައި ތަޙުޤީޤު ކޮށްދިނުމަށް ޖޮހޯރް ސްޓޭޓް ސަރުކާރުން އެދުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެޤައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުދަ ދުވަހު ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ފޮރެސްޓް ސިޓީ" ގެ އިންޓަރނޭޝަނަލް ކޮމިއުނިޓީއެއްގައި ބަލައި ފާސްކުރި ބޭރު ޤައުމުތަކުގެ 266 މީހުންގެ އަތުގައިވެސް ސައްޙަ އިމިގްރޭޝަން ލިޔެކިޔުންތައް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި މަޤުބޫލު ފޮރެސްޓް ސިޓީއަކީ ސިންގަޕޫރު ބޯޑަރު ކައިރީގައި ބޯހިޔާވަހިކަމަށް ޚާއްޞަކޮށް ހިއްކާފައިވާ ރަށްތަކެކެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންނާ ގުޅޭ ތަފާތު މައްސަލަތައް ދޭތެރެދޭތެރެއިން ރިޕޯޓްކުރެވެމުންދާތީ، އެފަދަ ސަރަޙައްދުތަކުގައި އިމިގްރޭޝަން ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މެލޭޝިއާ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.


