އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ އަސްކަރީ ޙަމަލާތައް ޖެހިޖެހިގެން 6 ވަނަ ދުވަހަށް ދެމިގެންގޮސް، މަސްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާއިން އީރާނުގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 7 މީހުން ޝަހީދުވެފައިވާއިރު، މިދިޔަ ހަފުތާއެއްހާ ދުވަސް ތެރޭގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 30 އަށް އަރާފައެވެ. އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ ބްރިޖުތަކާއި، ރޭލު ސްޓޭޝަންތަކާއި، އެއާޕޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގިނަ ޙަމަލާތައް އަމާޒުވީ ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ރަށްތަކަށެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ވަނީ މި ޙަމަލާތަކަށް ރައްދުދީ، ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެގޮތުން އުރުދުންނާއި ސޫރިޔާގެ އަލް-ތަނަފުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް މިސައިލް ޙަމަލާތައް ދީފައިވަނީ އީރާންޝަހްރުގައި އައިއާރްޖީސީގެ އޮފިސަރަކު ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. މީގެއިތުރުން ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިންކަން އީރާނުން ކަށަވަރުކޮށްދީފައިވާއިރު، ޢިރާޤުގެ ސުލައިމާނިއްޔާއަށް ވެސް ވަނީ ޙަމަލާތަކެއް އަމާޒުވެފައެވެ. ތެހްރާނުން ވަނީ އެމެރިކާގެ ޙަމަލާތައް ހުއްޓާނުލައިފިނަމަ ހުރްމުޒް ކަނޑުއޮޅިން ތެލާއި ގޭސް އުފުލުން ހުއްޓުވައި، ސަރަޙައްދުގެ އުމްރާނީ ވަސީލަތްތައް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ކުރިމަތިލުންތަކުގެ އަސަރު ޚަލީޖުގެ އެހެން ޤައުމުތަކަށް ވެސް ވަނީ ފޯރާފައެވެ. ޤަޠަރުގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި އެ ޤައުމަށް އަމާޒުވި މިސައިލްތައް ދިފާޢުކޮށްފައިވާއިރު، ވެއްޓުނު ބައިތަކުގެ ސަބަބުން ކުޑަކުއްޖަކު ވަނީ ޒަޚަމްވެފައެވެ. ބަޙްރައިނަށް ވެސް އީރާނުގެ ޙަމަލާތައް އަމާޒުވެ، މުޅި ޤައުމުގައި އިންޒާރުގެ ސައިރަން އަޅުވާފައިވާއިރު، ބައެއް ޙަމަލާތައް އަމާޒުވީ ޞަޚީރު ވައިގެ ބަނދަރުގައި ހުރި އެމެރިކާގެ ޖާސޫސީ ބޯޓުތަކަށެވެ. ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ވައިޓް ހައުސްއިން ބުނެފައިވަނީ ޚާރިޖީ މަޝްވަރާތަކަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.


