ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރަން އަންގައިފި

ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ. ޕީސީބީގެ ރައީސް ސޮއިކޮށް ނެރުއްވި ސަރކިއުލާގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ތިން މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ނިންމުމަކީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ. މިގޮތުން ކުންފުނިތަކުގެ ސައިޒާއި މަސައްކަތް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ފިޔަވަޅު އަޅަން ފަށާފައިވާއިރު، އެޗްޑީސީއާއި ފެނަކައިން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޚަރަދު ކުޑަކުރުމަށް އަޅާ އިތުރު ފިޔަވަޅުތައް:

  • ކޮންމެހެން ބޭނުންވާ ޙާލަތެއްގައި ނޫނީ އައު މުވައްޒަފުން ނެގުމާއި މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުން.

  • އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ޙަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން.

ކުންފުނިތަކުން މި އިރުޝާދުތަކަށް ޢަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން އަންގާފައިވާއިރު، މި ކަންކަމުގެ އަދާހަމަ މަޢުލޫމާތު ޤަވާއިދުން މާލީ ވުޒާރާއާ ޙިއްޞާ ކުރަމުންދާނެ ކަމަށްވެސް އެ ބޯޑުން ވިދާޅުވިއެވެ۔

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ