އެމެރިކާއާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ފުޅާވެ، ޚަލީޖުގެ ޤައުމުތަކަށް ބާރުގަދަ ޙަމަލާތަކެއް!

އީރާނުގެ ޑްރޯނެއް ނައްތާލަން އުޅުނު އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ

ޢިރާޤުގެ އުތުރުގެ ރަށެއްގައި، ވައްޓާލާފައިވާ އީރާނުގެ އަސްކަރީ ޑްރޯނެއް ނައްތާލުމުގެ މަސައްކަތް ކުރަމުންދިޔަ އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ހާމަކޮށްފިއެވެ. މިއާއެކު، ފެބުރުވަރީ 28 ގައި އެމެރިކާއިން ޔަހޫދީންނާ ގުޅިގެން ފެށި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 17 އަށް އަރާފައިވާއިރު، 420 ސިފައިން ވަނީ ޒަޚަމްވެފައެވެ. އަދި އުރުދުނަށް ދިން ޙަމަލާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވުނު ސިފައިންގެ މީހާގެ ހަށިގަނޑު ވެސް މިހާރު ވަނީ ފެނިފައެވެ.

އެމެރިކާގެ ޢުދުވާނީ ޙަމަލާތައް ޖެހިޖެހިގެން 9 ވަނަ ރެޔަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއަރ ހަކަތަ އުފައްދާ މަރުކަޒެއް ހުރި ސަރަހައްދެއް ހިމެނޭހެން ތަބްރީޒް، ބޫޝަހްރު އަދި ޗަބަހާރު ފަދަ ބޮޑެތި ރަށްތަކަށް ބޮންއަޅާފައެވެ. އީރާނުގެ ރިޕަބްލިކަން ގާޑްސް (އައިއާރްޖީސީ) އިން ވެސް ދަނީ ޤައުމުގެ ދިފާޢުގައި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދެމުންނެވެ. އެގޮތުން އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އެމްކިޔު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވެއެވެ.

އީރާނުން ދިން އެހެނިހެން ރައްދު ޙަމަލާތަކުގެ ތެރޭގައި:

  • ކުވައިތު: ޢަލީ އަލް-ސާލިމް ވައިގެ ބަނދަރަށް ދިން ޑްރޯން ޙަމަލާތަކެއްގައި އެމެރިކާގެ ރާޑަރު ނިޒާމަކަށާއި، އަސްކަރީ ގުދަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ދިނުން.

  • އުރުދުން: ޢަޤަބާ އެއާޕޯޓަށް ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކުގައި އެމެރިކާގެ ސީ-17 އާއި ޕީ-8 މަރުކާގެ މަތިންދާބޯޓުތަކަށް ގެއްލުންދީ، އަލް-އަޒްރަޤް ވައިގެ ބަނދަރުގެ 20 ހޭންގަރެއް ނައްތާލުން.

  • ބަޙްރައިން: ބަޙްރައިނަށް ވެސް އައިއާރްޖީސީން ޙަމަލާތަކެއް ދީފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ގިނަ ޙަމަލާތައް ދިފާޢުކޮށްފައެވެ.

ދެ ފަރާތުގެ ދެމެދުގައި އޮތް ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ފޭލުވެ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުމާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ. މަސްރަޙު މިހާރު އިތުރަށް ގޯސްވެ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލެން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ