ޗައިނާ އާއި ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު ޗައިނާ އަދި ރަޝިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރާއި މިދިޔަ އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ ރަޝިއާއެވެ. ޖުލައި 18 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,173,922 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް، ޖުމްލަ އަދަދު ދަށްވި ނަމަވެސް މި ދެ ޤައުމުން އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.

އެގޮތުން ޗައިނާ މާކެޓުން ޖުލައި 18 ގެ ނިޔަލަށް 195,363 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 170,210 ފަތުރުވެރިންނާ އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު ދެވަނައިގައި އޮތް ރަޝިއާ މާކެޓުން މިއަހަރު 167,314 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 142,899 ފަތުރުވެރިންނާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ މީހުން ތިބީ ރިސޯޓްތަކުގައެވެ. އެއީ 834,816 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 262,171 މީހުން، ހޮޓެލްތަކުގައި 27,523 މީހުން އަދި ސަފާރީތަކުގައި 22,381 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ