މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާ ޙަވާލުކޮށްފިއެވެ. އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޙުސައިން ޝަފީޤެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ބޯޓުފަހަރަށް ޚާއްޞަ 14.6 މީޓަރު ފުން، 375 މީޓަރު ދިގު މަގަތުފާލަމެއް ހަދާނެއެވެ. އަދި އެތެރޭގެ ދަތުރުފަތުރަށް 5 މީޓަރު ފުން، 820 މީޓަރު ދިގު ޑޮމެސްޓިކް މަގަތުފާލަމެއް ތަރައްޤީ ކުރާނެއެވެ. މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދެކެވެ. މަޝްރޫޢުގެ ބައެއް މަސައްކަތްތައް (100 މީޓަރުގެ ކީވޯލްއާއި 3 ހެކްޓަރުގެ ބިން ޕޭވްކުރުން) މިދިޔަ ޖޫން 1 ގައި އެމްޓީސީސީއާ ވެސް ވަނީ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢު އެއްކޮށް ނިމޭއިރު ބައިނަލްއަޤްވާމީ މަގަތުފާލަމުގެ ދިގުމިން 1,000 މީޓަރަށް ވުރެ ދިގުވާނެއެވެ. އަދި ޑޮމެސްޓިކް ޓާމިނަލްގައި 2,000 މީޓަރަށް ވުރެ ދިގު މަގަތުފާލަމެއް ހިމެނޭނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މި މަސައްކަތް އެއްކޮށް ނިންމުމެވެ. އައު ބަނދަރު ނިމުމުން މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެ، ކުރިއަށް އޮތް 30 އަހަރަށް ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ. އަދި މިހާރު ބޭނުންކުރާ މާފަންނު ބަނދަރުގެ ޖާގަ ސަރުކާރުގެ އެހެން ބޭނުންތަކަށް ހުސްކުރެވޭނެއެވެ.


