ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ރ. ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އަލަށް އިފްތިތާޙުކުރި 25 ރަށުގެ ނިޒާމުގައި 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި 10 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ހިމެނެއެވެ. މި ނިޒާމުތަކުގެ ސަބަބުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދައި، 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ. އަދި ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑް 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ލުޔެއް ލިބޭނެ މަސައްކަތެއް ކަމަށެވެ.
މި ނިޒާމު ޤާއިމުކުރި ރަށްތައް:
-
ރ. އަތޮޅު (13 ރަށް): އަލިފުށި، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް، އަދި ހުޅުދުއްފާރު.
-
ބ. އަތޮޅު (12 ރަށް): ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ، ފުޅަދޫ، އަދި ފެހެންދޫ.
މި ރަށްތަކާއެކު ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 97 ރަށެއްގެ މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓުގެ ސޯލާ ކެޕޭސިޓީ ވަނީ ޤާއިމުކުރެވިފައެވެ. އަދި އިތުރު 23 ރަށެއްގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށްތަކުގެ މަސައްކަތް 2027 އަށް ނިމޭނެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ 160 ރަށެއްގެ ޑީސަލް ނިޒާމުތައް ސޯލާ ހައިބްރިޑް ނިޒާމުތަކަށް ބަދަލުކޮށް، 2028 ގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.


