ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދީ ވާދަވެރި އަދި އިތުބާރުހުރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށާއި، އަލަށް ޢަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ދެފުށް ފެންނަ، ހަލުވި ނިޒާމެއް ޤާއިމުވެ އިންވެސްޓަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަކީ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވީ ނަމަވެސް، އިއާދަކުރަނިވި ހަކަތައާއި، މެރިޓައިމް، ލޮޖިސްޓިކްސް، ޑިޖިޓަލް އިޤްތިޞާދު އަދި މާލީ ޚިދުމަތްތައް ފަދަ ތަފާތު ދާއިރާތަކުން އިންވެސްޓްމަންޓް ފުރުޞަތުތައް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް އެހީތެރިވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، ޖަޕާނުގެ ވިޔަފާރިތަކުގެ ނަމޫނާއާއި އީޖާދީ އުކުޅުތައް ދިވެހި ވިޔަފާރިވެރިން ބޭނުންކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.


