ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާ މެދު އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަޤީޤަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުންފުނިތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ޕީއެސްއެމް ނިއުސްއަށް މުންދު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ ސައްޙަ މައުލޫމާތަށް ބިނާނުކޮށް އާންމުން ޖަޒުބާތުގައި ޖައްސައިގެން ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް ކަމަށެވެ.
އަދި ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އެކަށީގެންވާ ޚިދުމަތެއް ދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް އަންގާފައެވެ.
މާލީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިއީ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި މެނޭޖްކުރުމަށާއި، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން އައްޔަންކުރާ އުސޫލު ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެކެވެ.


