މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 32 އިންސައްތައަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން ކަމަށާއި، 26 އިންސައްތައަކީ ވިޔަފާރިވެރިންނާއި މެނޭޖަރުން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކުރި "މޯލްޑިވްސް ވިޒިޓަރ ސާވޭ" އިން ދައްކައިފިއެވެ.
މިއާއެކު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 58 އިންސައްތަ (ކޮންމެ 10 މީހަކުން 6 މީހުން) ހިއްސާކުރަނީ މި ދެބައިން ކަމަށްވާއިރު، މިއީ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ސާވޭއިން ދައްކާ ގޮތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް އެންމެ ގިނައިން މީހުން ރާއްޖެއަށް އައީ އިންޑިއާއިންނެވެ. އެއީ އެ ޤައުމުން އައި ފަތުރުވެރިންގެ 55 އިންސައްތައެވެ. ދެވަނައިގައި 49 އިންސައްތައާއެކު އެމެރިކާ އޮތްއިރު، ތިންވަނައިގައި 41 އިންސައްތައާއެކު އޮތީ ޖަރުމަނުވިލާތާއި ސްޕެއިންއެވެ.
މީގެއިތުރުން ފަންނީ މަސައްކަތްތެރިންގެ 8 އިންސައްތަ ހިމެނޭއިރު، ސޭލްސް، އިދާރީ މުވައްޒަފުން އަދި ރިޓަޔާޑް މީހުންގެ ތެރެއިން ކޮންމެ ބަޔަކު 6 އިންސައްތަ ހިއްސާކުރެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.


