އީރާނަށް ނިއުކްލިޔަރ ހަތިޔާރު ނުހޯދޭނެ؛ ހަމަލާތައް ކުރިއަށްދާނެ: ޓްރަމްޕް

އީރާނާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި އެމެރިކާގެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލާފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވުނު ފަހުން ދެ ހަފުތާ ފާއިތުވެފައިވާއިރު، އެމެރިކާއިން ދަނީ އީރާނަށް ޢުދުވާނީ ހަމަލާތައް ދެމުންނެވެ. އަދި ރައްދުގައި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ދަނީ ގަލްފުގެ ކުވައިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީ، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅަމުންނެވެ. އަދި ޓްރަމްޕް ވަނީ ރައްދުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދެމުންދާ އީރާންގެ އަސްކަރިއްޔާއަށް އަދަބު ދެއްވާނެ ކަމުގައި ވިދާޅުވެ، އިންޒާރު ދީފައެވެ.

މި ދަނޑިވަޅުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ރަޝިޔާއާއި ޗައިނާގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، އެމެރިކާއިން އީރާންގެ މަދަނީ ބިނާރަށް ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި ޕާކިސްތާނުން ދެ ޤައުމުގެ މެދުގައި މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ޔަމަނުގެ ޙޫޘީން ބާބުލް މަންދަބް ކަނޑުއޮޅީގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުމުން ތެލުގެ އަގު އިތުރަށް އުފުލިދާނެތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފާއިތުވި 13 ދުވަހު އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުން 59 މީހުން ޝަހީދުވެފައިވާއިރު، ހަނގުރާމަ އިތުރަށް ފުޅާކުރުމާ މެދު މަޝްވަރާކުރުމަށް ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ކުރިއަށް އޮތް ހަފުތާގައި އެމެރިކާއަށް ދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ