ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ޚިދުމަތް ކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ދާއިރާތައް ކަމަށްވާ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ ދާއިރާތަކުގެ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ކަށީގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކާއި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.

ޙަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފްކޮށް، ހިތާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށޭނެ ކަމަށެވެ.

މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުން އާންމުންނަށް ހިތްހެޔޮކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސީއީއޯ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ