މާލޭގެ ބޮޑުތަކުރުފާނު މަގުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.
ފަޅުން ބައެއް ހިއްކައިގެން ތާރުއަޅައިގެން ހެދި މި މަގު ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ބެހެއްޓުން ފަދަ ކުދިކުދި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން މަގު ފެހިކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
އޭގެ ތެރޭގައި އެއްގަމު ތޮށި ކައިރީގައާއި ރައީސް އޮފީސް ކުރިމަތީގައި އިންދާފައިވާ ދިވެހި ރުއްގަހުގެ އިތުރުން ހޭޅިފަށުގެ ގަސްތަކާއި ބަގީޗާ މާގަސްތައް ހިމެނެއެވެ. މީގެއިތުރުން، މި ސަރަހައްދުގައި އުޅަނދުތައް ޕާކުކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ.


