މެދުއިރުމަތީގެ ހަނގުރާމައާއި ހުރްމުޒް އަދި ބާބުލް މަންދަބު ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާ ހުރެ، ސައުދީ އަރަބިއްޔާއިން ތެޔޮ އެކްސްޕޯޓްކުރުމަށް ދިހަވަރަކަށް އަހަރުފަހުން މިސްރުގެ ސުވޭޒް ކެނަލް ބޭނުންކުރަން ފަށައިފިއެވެ. އީރާނާއި އެމެރިކާގެ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ނުރައްކާވުމުން ސައުދީން ރަތްކަނޑަށް މަގު ބަދަލުކުރި ނަމަވެސް، ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ރަތްކަނޑުގެ ސަރަހައްދުވެސް މިހާރު ވަނީ ނުރައްކާތެރިވެފައެވެ.
މި ބަދަލާއެކު ސައުދީގެ ތެޔޮ އެންމެ ގިނައިން ގަންނަ އޭޝިއާގެ ގައުމުތަކަށް ދިއުމަށްޓަކައި މުޅި އެފްރިކާ ބައްރު ވަށާލައި 'ކޭޕް އޮފް ގުޑް ހޯޕް' މެދުވެރިކޮށް ދާންޖެހުމުން ދަތުރުގެ މުއްދަތަށް މަހެއްހާ ދުވަސް އިތުރުވެއެވެ. އެގޮތުން ޓައިވާނަށް ދިއުމަށް ކުރިން ނަގާ 19 ދުވަސް މިހާރު ވަނީ 48 ދުވަހަށް އިތުރުވެފައެވެ. ދަތުރުގެ މަގަށް އައި ބަދަލާއެކު ތެލުގެ ހަރަދު ދެގުނަވެ، ކުރިން 1.26 މިލިއަން ޑޮލަރު ހޭދަވި ދަތުރަކަށް މިހާރު 2.87 މިލިއަން ޑޮލަރު ހޭދަވާކަމަށް ރޮއިޓާސްއިން ބުނެއެވެ. މީގެއިތުރުން ސުވޭޒް ކެނަލް ހުރަސްކުރާ ކޮންމެ ފަހަރަކު ފީގެ ގޮތުގައި އިތުރު 1 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.


