ޔޫޓިއުބްގެ މަޝްހޫރު ތަރި މިސްޓަރ ބީސްޓް (އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން)، ތިއާ ބޫއިސަން އާ ކައިވެނިކޮށްފިއެވެ. މި ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި އޮންނަ ރިޗަޑް ބްރެންސަންގެ ނެކަރ އައިލެންޑްގައެވެ. މި ދެމަފިރިން މި ޚަބަރު ހިއްސާކުރީ އިންސްޓަގްރާމްގައި ކުރި ޖޮއިންޓް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ކައިވެނީގެ ފޮޓޯތައް ހިމަނާފައިވާއިރު، ޑޮނަލްޑްސަން ބުނެފައިވަނީ އޭނާއަށް "މިސިސް ބީސްޓް" ފެނިއްޖެ ކަމަށެވެ. ޑޮނަލްޑްސަން އަކީ މުޅި ދުނިޔެއަށް މަޝްހޫރު މީހަކަށް ވީނަމަވެސް، މި ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ދެމަފިރިން ބޭނުންވި ފަދައިން ވަރަށް އަމިއްލަ އަދި ކުޑަ ހަފްލާއެއްގެ ގޮތުގައެވެ.
އުމުރުން 28 އަހަރުގެ މި ކޮންޓެންޓް ކްރިއޭޓަރ އެންގޭޖްވިކަން ފުރަތަމަ އިއުލާންކުރީ 2024 ވަނަ އަހަރުގެ ކްރިސްމަސް ދުވަހު ތިއާ އަށް ޕްރޮޕޯޒް ކުރުމަށްފަހުއެވެ. އެ ޕްރޮޕޯޒަލް ވެސް ކުރިއަށް ގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ޑޮނަލްޑްސަން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވީ ޕްރޮޕޯޒަލް އާއި ކައިވެނީގެ ކަންކަން އާންމުންނަށް މާބޮޑަށް ދައްކާލުމުގެ ބަދަލުގައި، އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު އަމިއްލަ ގޮތެއްގައި ބޭއްވުމަށެވެ.
ކައިވެނީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ތިއާ ހުރީ މާޖެހި ލޭސް ފޮތީގެ ދިގު ހެދުމެއްގައެވެ. ކޭކު ފެޅުމުގެ ވަގުތުގައި އޭނާ ހުރީ ވިދާ ހުދު ކުލައިގެ ކުރު ހެދުމެއްގައެވެ. އަދި ރޭގަނޑުގެ ހަފްލާއަށް އޭނާ ބޭނުންކުރީ ސެޓިން ފޮތީގެ ހެދުމެކެވެ. ޑޮނަލްޑްސަން ލައިގެން ހުރީ ކްލެސިކް ހުދު ޓަކްސީޑޯއެކެވެ. ސޯޝަލް މީޑިއާގައި މި ހަފްލާ ސިފަކުރަމުން އޭނާ ބުނީ މިއީ އޭނާގެ "ހަޔާތުގެ އެންމެ އުފާވެރި ދުވަސް" ކަމަށެވެ.
ޑޮނަލްޑްސަން އަކީ ދުނިޔޭގެ އެންމެ ބޮޑު ޔޫޓިއުބަރުގެ ގޮތުގައި ބެލެވޭ މީހެކެވެ. އޭނާގެ އެކި ޕްލެޓްފޯމްތަކުގައި 500 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުން އެބަތިއްބެވެ. އޭނާ މަޝްހޫރުވީ ތަފާތު ޗެލެންޖްތަކާއި، ދީލަތި އެހީތަކާއި، އަދި ބައިވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާގެ އިނާމު ލިބޭ މުބާރާތްތައް ހިމެނޭ ވީޑިއޯތަކުންނެވެ. އޭނާގެ ކާމިޔާބީ މިހާރު ވަނީ ޓީވީއަށް ވެސް ފުޅާވެފައެވެ. އެގޮތުން ޕްރައިމް ވީޑިއޯގެ ރިއަލިޓީ ސީރީޒް "ބީސްޓް ގޭމްސް" ހިމެނެއެވެ. ނެޓްފްލިކްސްގެ "ސްކުއިޑް ގޭމް" އިން އިންސްޕަޔަރ ވެގެން ތައްޔާރުކޮށްފައިވާ މި ސީރީޒްގައި ބައިވެރިން ވާދަކުރަނީ ފަސް މިލިއަން ޑޮލަރުގެ ބޮޑު އިނާމަކަށެވެ.
ދެކުނު އެފްރިކާއަށް ނިސްބަތްވާ ތިއާ ބޫއިސަން އަކީ ވެސް އަމިއްލަ ގޮތުން ކާމިޔާބު އޮންލައިން ކެރިއަރެއް ބިނާކޮށްފައިވާ މީހެކެވެ. އޭނާ ހިންގާ "ތިއަރބީސްޓީ" ޔޫޓިއުބް ޗެނަލްގައި ގާތްގަނޑަކަށް 140,000 ސަބްސްކްރައިބަރުން ތިބިއިރު، އޭނާ އަކީ ޓްވިޗްގައި ގޭމް ސްޓްރީމްކުރާ މީހެއްގެ އިތުރުން ފޮތް ލިޔުންތެރިއެއް ވެސް މެއެވެ.
ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވީ ނަމަވެސް، ޑޮނަލްޑްސަން އަށް ބައެއް ފާޑުކިޔުންތަކާއި މައްސަލަތަކާ ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަހަރުގެ ކުރީކޮޅު، އޭނާގެ މީޑިއާ ކުންފުނި "ބީސްޓް އިންޑަސްޓްރީޒް" އާ ދެކޮޅަށް ކުރީގެ މުވައްޒަފަކު ވަނީ ޖިންސީ ފުރައްސާރަ އާއި މަސައްކަތުގެ މާހައުލުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ދައުވާކޮށްފައެވެ. މީގެ އިތުރުން "ބީސްޓް ގޭމްސް" ގެ ބައެއް ބައިވެރިން ވެސް ވަނީ އެމީހުންނާ މެދު ކަންތައް ކުރި ގޮތުން ގާނޫނީ ފިޔަވަޅު އަޅާފައެވެ. އަދި އޭނާގެ ބައެއް ވީޑިއޯތަކަކީ ކުރިން ރޭވިގެން ކުރާ ކަންތައްތަކެއް ކަމަށް ބުނެ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް ޑޮނަލްޑްސަން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، އެއީ ހަގީގަތަށްވުރެ ބޮޑުކޮށްލާފައިވާ ވާހަކަތަކެއް ކަމަށް ބުނެފައެވެ.


