ޤުދުރަތީ މާހައުލެއްގައި ހޭދަކޮށްލާ އެންމެ 20 މިނެޓުން ސިއްހަތަށް ކުރާ ފައިދާ

ކާނާ އާއި ކަސްރަތާ އެއްވަރަށް، ގުދުރަތީ މާހައުލެއްގައި އެންމެ 20 މިނެޓު ހޭދަކޮށްލުމަކީ ވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އާދަޔާ ހިލާފު ބަދަލުތަކެއް އަންނަ ކަމެއް ކަމަށް މާހިރުން ބުނެއެވެ. ޕާކެއްގެ ތެރޭގައި ހިނގާލުން ނުވަތަ ގަސްތަކުގެ ތެރޭގައި އިށީނދެލައިގެން އިނުމަކީ ވެސް ހަށިގަނޑު ހަމަޖައްސައިދީ، ސްޓްރެސް ކުޑަކޮށްދީ، މުޅި ސިއްހަތު ވަރުގަދަކޮށްދޭ ބަޔޮލޮޖިކަލް ބަދަލުތަކެއް ހަށިގަނޑަށް ގެނުވައިދޭ ކަމެކެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ފައިދާއެއް ފެންނަން ފަށަނީ ބޭރުތެރޭގައި ގާތްގަނޑަކަށް 20 މިނެޓު ހޭދަކުރުމުންނެވެ. އެހެންކަމުން، މެންދުރުގެ ކުޑަ ބްރޭކެއްގައި ކައިރީގައި ހުރި ފެހިކަން ގަދަ ތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލައިގެން ވެސް ސިއްހަތު ރަނގަޅު ކުރެވިދާނެއެވެ.

ގުދުރަތީ މާހައުލެއްގައި ހުރުމުން އެންމެ އަވަހަށް ފެންނަ އެއް ނަތީޖާއަކީ ހަށިގަނޑު ގުދުރަތީ ގޮތުން ހަމަޖެހުމެވެ. ފެހިކަން ފެނުމާއި، ދޫނި ސޫފާސޫފީގެ އަޑު އިވުމާއި، ގަސްގަހާގެހީގެ ފަތްތަކުގެ އަޑު އިވުމުން، ހަށިގަނޑުގެ 'އޮޓޮނޮމިކް ނާވަސް ސިސްޓަމް' ހަރަކާތްތެރިވެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު ހަމައަކަށް އެޅި، ސްޓްރެސް ކުޑަވެގެންދެއެވެ. އިނގިރޭސިވިލާތުގައި 20،000 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު ގުދުރަތީ މާހައުލެއްގައި ހޭދަކުރާ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން މާ ބޮޑަށް ވެސް ރަނގަޅެވެ. މިކަމުގެ ހެކިތައް އިތުރުވަމުން ދިއުމާއެކު، ބައެއް ސިއްހީ ހިދުމަތްތެރިން މިހާރު އަންނަނީ ބަލިމީހުންނަށް "ގްރީން ސޯޝަލް ޕްރިސްކްރައިބިންގް" ނުވަތަ ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުމަށް ލަފާދެމުންނެވެ.

ގުދުރަތީ މާހައުލުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތަކަށް ވެސް ބަދަލު އާދެއެވެ. ބަޔޯޑައިވާސިޓީ ޕްރޮފެސަރު ބެރޮނެސް ކެތީ ވިލިސް ވިދާޅުވާ ގޮތުގައި، ބޭރުތެރޭގައި ވަގުތު ހޭދަކުރުމުން ސްޓްރެސް އާއި ހާސްކަމާ ގުޅުންހުރި ހޯރމޯންތައް ކަމަށްވާ ކޯޓިޒޯލް އަދި އެޑްރެނަލިންގެ މިންވަރު ދަށްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 'ހިނޯކީ' ނުވަތަ ޖަޕާނުގެ ސައިޕްރަސް ގަހުގެ ގެ ވަސް ބެލުމުން އެޑްރެނަލިން ދަށްވެ، ވައިރަސްތަކާ ހަނގުރާމަކުރާ 'ނެޗުރަލް ކިލާ ސެލްސް' ހަށިގަނޑުގައި އިތުރުވެއެވެ. ބައެއް މީހުންގެ ހަށިގަނޑުގައި މި ސެލްތައް ދެ ހަފުތާ ވަންދެން މަތީ މިންވަރެއްގައި ހުރިކަން ފާހަގަކުރެވުނެވެ.

މާހިރުން ބުނާ ގޮތުގައި ގުދުރަތީ މާހައުލުން ލިބޭ ވަހަކީ ވެސް ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ގަސްގަހާގެހިން ބޭރުކުރާ އޯގަނިކް މާއްދާތައް ނޭވާލުމުގެ ތެރެއިން ލޭގެ ތެރެއަށް ދިއުމުން ހަށިގަނޑު ހަމަޖައްސައިދެއެވެ. މިސާލަކަށް، ގަސްތަކުގެ ވަހުން އެންމެ 90 ސިކުންތުގެ ތެރޭގައި ސްޓްރެސް ކުޑަކޮށްދޭއިރު، ކުޑަކުދިން ވެސް ގުދުރަތީ މާއްދާތަކަށް ހުށަހެޅުމުން ހަމަޖެހޭކަން ދިރާސާތަކުން ދައްކައެވެ.

މީގެ އިތުރުން، ގުދުރަތީ މާހައުލުގެ ސަބަބުން ބަނޑުގެ ސިއްހަތު ވެސް ރަނގަޅުވެއެވެ. ފަސްގަނޑާއި ގަސްގަހާގެހީގައި ޕްރޯބަޔޮޓިކްސްއާ އެއްފަދަ ފައިދާހުރި ބެކްޓީރިއާ ހުރެއެވެ. ފަސްގަނޑުގައި އަތްލުމާއި ގަސްތަކުން ބޭރުކުރާ 'ފައިޓޮންސައިޑްސް' ފަދަ ކެމިކަލްތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ މައިކްރޯބަޔޯމް ދުޅަހެޔޮކޮށްދެއެވެ.

ގަވާއިދުން ޕާކުތަކަށް ނުދެވޭ މީހުންނަށް ވެސް މީގެ ފައިދާ ހޯދިދާނެއެވެ. މާ، އެސެންޝަލް އޮއިލް، ފެހިކަން ފެންނަ މަންޒަރުތައް، ނުވަތަ ޖަންގަލިތަކުގެ ފޮޓޯ ބެލުމުން ވެސް ސިކުނޑީގެ ރާޅުތަކަށް ހަމަޖެހުން ލިބޭކަން ވަނީ ސާބިތުވެފައެވެ. އެހެންކަމުން، ގުދުރަތީ މާހައުލާ އޮންނަ ކޮންމެ ގުޅުމަކީ ވެސް ސިއްހަތަށް ލިބޭ ކުރިއެރުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ