ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.
އެމްއެފްޑީއޭއިން އެކުލަވާލި މި ޤަވާއިދުގެ ދަށުން، ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމުގެ މިންގަނޑުތައް ކަނޑައަޅާފައިވާއިރު، އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހެއެވެ. އަދި އެ ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެކުރުމަކީ މަނާކަމެކެވެ. މީގެއިތުރުން ކޮންޓްރޯލްޑް ޑްރަގްސް އެތެރެކޮށް ވިއްކޭނީ އެމްއެފްޑީއޭގެ ޚާއްޞަ ހުއްދައެއް ހޯދައިގެންނެވެ.
މި ޤަވާއިދުގެ ދަށުން ބޭސް އުފައްދާ، އެތެރެކުރާ، ސަޕްލައިކުރާ، ގުދަންކުރާ އަދި ފާމަސީ ހިންގާ ފަރާތްތަކުން އެމްއެފްޑީއޭގައި ރަޖިސްޓްރީވާންޖެހޭއިރު، ގުދަންތަކުގައި ބޭސް ބޭނުންކުރާ ގޮތުގެ ތަފުސީލު ކޮންމެ 6 މަހަކުން ހުށަހަޅަންޖެހެއެވެ. ދޮގު މައުލޫމާތު ދީގެން ބޭސް ރަޖިސްޓްރީކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނެއެވެ.
އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާނަމަ، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އެންމެ ގިނަވެގެން އެތެރެކުރެވޭނީ 3 މަސްދުވަހުގެ ބޭހެވެ. ނަމަވެސް މެޑިކަލް ރިކޯޑާއެކު 6 މަސްދުވަހުގެ ބޭސް އެތެރެކުރެވޭނެއެވެ. މި ޤަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރާތާ 90 ދުވަސް ފަހުންނެވެ.


