ކެސްޕިއަން ކަނޑުގައި އީރާނުގެ އުޅަނދަކަށް ޔޫކްރެއިނުން ދިން ހަމަލާ ތެހެރާނުން ކުށްވެރިކޮށްފި

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާއުފުލާ އުޅަނދަކަށް ޔޫކްރެއިންއިން ހަމަލާދީ އެކަކު މަރުވެ، އިތުރު މީހަކު ޒަޚަމްވުމާ ގުޅިގެން އީރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

މި ޙާދިސާއާ ގުޅިގެން ތެހެރާނުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސީގެ އިސް އޮފިޝަލް އީރާނުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފައިވާއިރު، އީރާނުން މި ހަމަލާ ސިފަކޮށްފައިވަނީ ސަރުކާރުގެ އިޒުނައާއެކު ދީފައިވާ "ޢަދާވާތްތެރި އަދި ޖިނާޢީ" ޢަމަލެއްގެ ގޮތުގައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެމުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤިޗީ ވަނީ އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސްއާ ފޯނުން ގުޅުއްވައި މި މައްސަލައިގައި މަޝްވަރާ ކުރައްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކެސްޕިއަން ކަނޑުގައި އީރާނުގެ އަސްކަރީ މުދާ އުފުލާ އުޅަނދުތަކަކަށް ހަމަލާދީފައިވާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން، ރަޝިޔާއިން ގަލްފުގެ ޤައުމުތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސެޓެލައިޓް ފޮޓޯތައް އީރާނަށް ފޯރުކޮށްދެމުންދާ ކަމަށްވެސް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެއްވެސް ކޮޅަކަށް އެ ޤައުމުން ބުރަނުވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ