މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އޮފިޝަން އިވެންޓްސްއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ސައްބީސް ކާނިވަލް"އަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. މިމަހުގެ 24 އިން 31 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި ކާނިވަލަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އިންތިޒާމުކޮށްފައިވާ އިވެންޓެކެވެ.
އެކި ޢުމުރުފުރާގެ މީހުންނަށް ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކާއެކު ކުރިއަށްދާ މި ކާނިވަލުގައި ހޮރޯރ ހައުސް، ކާނިވަލް ގޭމްސް، ޑިޖިޓަލް ގޭމިންގ އެރީނާ އަދި ކުޑަކުދިންގެ ޚާއްޞަ އެރިއާއެއް ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން، ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތަކުގެ އިތުރުން ތަފާތު ފުޑް ސްޓޯލްތަކާއި ވިޔަފާރިތަކުގެ ސްޓޯލްތައްވެސް މި ކާނިވަލުގައި ވަނީ ބަހައްޓާފައެވެ.


