ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވަން އިތުރު 763 ޔުނިޓް އަޅަނީ

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ދެކުނުގައި، ޔަހޫދީ ވަޒަންވެރިން ދިރިއުޅެން އިތުރު 763 ޔުނިޓް ބިނާކުރުމަށް ނިންމާފައިވާކަން ޔަހޫދީ ދައުލަތުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ހާމަކޮށްފިއެވެ.

ތުރުކީގެ އަނަދޫލޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި މި މަޝްރޫޢު ތިންގުނައަށް ފުޅާކުރަން ރާވާފައިވާއިރު، 2022 ވަނަ އަހަރުގެ ފަހުކޮޅު ނަތަންޔާހޫގެ ސަރުކާރު ވެރިކަމާ ޙަވާލުވި ފަހުން ހުޅަނގު އައްސޭރީގައި މުޅިން އަލަށް 104 އާބާދީއަކާއި ދަނޑުވެރިކަމަށް ޚާއްޞަ 160 އައުޓްޕޯސްޓް ޤާއިމުކުރުމުގެ ޙުއްދަ ވަނީ ދީފައެވެ.

އާބާދީތައް ފުޅާކުރުމުގެ އިތުރުން ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެގޮތުން ހުޅަނގު އައްސޭރީގެ އަވަށަކަށް ވަދެގަނެ މިސްކިތެއްގައި އަލިފާން ރޯކޮށް ހުރުމަތް ކަނޑާފައިވާއިރު، ޤުސްރާގައި އަލަށް ބިނާކުރަމުންދިޔަ މިސްކިތެއްގައިވެސް ވަނީ އަލިފާން ރޯކޮށްފައެވެ. ފަލަސްޠީނުގެ ކަމާބެހޭ ވުޒާރާއިން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ޔަހޫދީ ސިފައިންގެ ހިމާޔަތުގައި މިއަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީގެ 45 މިސްކިތަކަށް ހަމަލާދީފައިވެއެވެ.

އިރުމަތީ ޤުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގެ 141 އާބާދީއަކާއި 224 އައުޓްޕޯސްޓެއްގައި ގާތްގަނޑަކަށް 750,000 ޔަހޫދީން ދިރިއުޅެމުންދަނީ ހުޅަނގު އައްސޭރި އެއްކޮށް އަޅުވެތިކުރުމުގެ މަޤުޞަދުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ