އިންސާނާގެ ދިރިއުޅުމުގެ މާލީ ފުދުންތެރިކަމާއި ރިޒުގުގެ ބަރަކާތް ކެނޑިގެންދާ ފަދަ ހަތް ގޯހެއް ދީނީ އިލްމުވެރިޔާ ޝެއިޚް ސަމީހް ޖާދު ތަފްސީލުކޮށްދެއްވައިފިއެވެ.
ޔޫޓިއުބް މެދުވެރިކޮށް އާންމުކުރެއްވި ދަރުހެއްގައި ޝެއިޚް ވަނީ މުސްލިމުންނަށް ނޭނގި ނަމަވެސް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ރިޒުގު ހަނިވެގެންދާ ގޮތްތަކާއި އެކަންކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށްދެއްވާފައެވެ.
ޝެއިޚް ސަމީހް ޖާދު ފާހަގަކުރެއްވި ގޮތުގައި ރިޒުގު ބަންދުވުމަށް މެދުވެރިވާ އެންމެ ފުރަތަމަ ސަބަބަކީ އިސްތިޣްފާރު ކުރުން ނުވަތަ ފާފަ ފުއްސެވުމަށް އެދި ދެންނެވުން މަދުވުމެވެ. މީގެ އިތުރުން ރަހިމުގެ ގުޅުން ކަނޑާލުމާއި، މާލީ މުއާމަލާތްތަކުގައި ތަގުވާވެރިކަން ނެތުމަކީ ވެސް ބަރަކާތް ކެނޑިގެންދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ޝައިޚް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ލިބޭ ނިއުމަތްތަކަށް ޝުކުރުވެރިނުވުމާއި، ހެނދުނުގެ ޛިކުރުތައް ކިޔުން ދޫކޮށްލުމަކީ ވެސް ރިޒުގަށް ހުރަސްއެޅޭ ކަންކަމެވެ. މި ދަރުހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ހަރާމް ތަކެތި ބޭނުންކުރުމާއި، ރިޒުގު ދެއްވާ ފަރާތް ކަމުގައިވާ ﷲ ތަޢާލާއަށް ވަކީލުކުރުމުގެ ބަދަލުގައި ހަމައެކަނި ދުނިޔޭގެ ވަސީލަތްތަކަށް ބަރޯސާވުމަކީ ވެސް މީހާގެ ދިރިއުޅުމުން ބަރަކާތް ކެނޑިގެންދާ ކަމެކެވެ.
ޝެއިޚް ވަނީ މިފަދަ ގޯސްތަކުން ދުރުހެލީވެ، ކީރިތި ޤުރުއާނާއި ސުންނަތުގެ މަގަށް ރުޖޫޢަވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މި މައްސަލަތަކަށް އޮތް އަވަސް ހައްލެއްގެ ގޮތުގައި ރިޒުގު ތަނަވަސްކޮށްދެއްވުން އެދި ދަންނަވާ ޚާއްޞަ ދުޢާތައް ކުރުމަށާއި، ދިރިއުޅުމުގެ އާދަކާދަތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ޝެއިޚް އިރުޝާދު ދެއްވިއެވެ. މީގެ ސަބަބުން ދިރިއުޅުމަށް ބަރަކާތް އިތުރުވެ، މާލީ ގޮތުންނާއި ރޫހާނީ ގޮތުން ކުރިއެރުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


