އަޖޭ ދޭވްގަން އާއި ޖިއޯ ސްޓޫޑިއޯސް އަދި އާނަންދު އެލް ރާއީ ގުޅިގެން އުފައްދާ އެކްޝަން ތުރިލާ ފިލްމު 'ޗައުހާން' ގެ މުހިންމު ރޯލަކުން އެކްޓަރު ވިކްރާންތު މަސޭ ފެނިގެންދާނެކަން ކަށަވަރުވެއްޖެއެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ވިކްރާންތު ފެނިގެންދާނީ މީގެ ކުރިން އޭނާ ކުޅެފައިނުވާ ފަދަ ތަފާތު ގްރޭ ކެރެކްޓާއަކުންނެވެ. މި ފިލްމުގައި އަޖޭ ދޭވްގަން އާއި ވިކްރާންތު މަސޭގެ ކުރިމަތިލުންތަކަކީ ފިލްމުގެ އެންމެ ހާއްސަ އެއް ބައި ކަމުގައި ބެލެވެއެވެ. ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ވިކްރާންތު ވަނީ މި ރޯލު ކުޅުމަށް ވަގުތުން އެއްބަސްވެފައެވެ.
އެކި ޖީލުތަކަށް ނިސްބަތްވާ ހުނަރުވެރި ދެ އެކްޓަރުން އެއް ފިލްމަކުން ފެނިގެންދިއުމަކީ ބެލުންތެރިންނަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް ފިލްމީ ދާއިރާގެ ފަރާތްތަކުން ބުނެއެވެ. 'ޗައުހާން' ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހު ކުއާޓަރުގައެވެ.
މިހާރު ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާއިރު، ފިލްމު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ގާނދީ ޖަޔަންތީއާ ދިމާކޮށެވެ.


