އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުތައް ހުރީ ފެންވަރުދަށް ތަކެތި ބޭނުންކުރުމުގެ ސަބަބުން ބިމުގެ އަޑީގައި ފީވެ ހަލާކުވެފައި ކަމަށާއި، މަގުތަކުގައި ތާރުއެޅޭނީ އެ ނިޒާމުތައް އަލުން ރަނގަޅުކޮށްގެން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހެޅުނު ގަރާރެއްގެ ބަހުސްގައި ފަލާހު ވިދާޅުވީ، އެމްޑީޕީން ހުރިހާ މަސައްކަތެއްވެސް ކުރުވާފައިވަނީ ދަރަންޏަށް ކަމަށާއި، ފެނަކައިން އެކަނިވެސް ކުދި ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުން ގިނަ ކުދި ވިޔަފާރިތަކެއް ބަނގުރޫޓުވި ކަމަށެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަންތަކުގައި ނުހައްގުން ގިނަ މުވައްޒަފުންތަކެއް ވަކިކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ނުހައްގުން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި، ފައިސާ ޗާޕުނުކޮށް ދައުލަތް ހިންގަމުންދާކަން ފާހަގަކުރައްވަމުން، އެމްޑީޕީގެ ވެރިކަންތަކުގައި އަބަދުވެސް ގައުމުގެ މާލީ ނިޒާމު ބަނގުރޫޓުކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.


