ﷲ ތަޢާލާ އަޅަކަށް ހިދާޔަތް ދައްކަވާފައިވާކަން އަންގައިދޭ ފަސް ނިޝާނެއް!

އިންސާނާއަށް އަމިއްލައަށް ނޭނގި ހުއްޓާވެސް ﷲ ތަޢާލާގެ ހިދާޔަތް އެމީހަކަށް ލިބެމުންދާކަން އަންގައިދޭ ފަސް ނިޝާނެއް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ބިލާލް އައްސަދު ތަފްސީލުކޮށްދެއްވައިފިއެވެ.

"ތަފްސީރު އޮފް ލައިފް" ޕްލެޓްފޯމުން އާންމުކުރި ހާއްސަ ދަރުހެއްގައި އޭނާ ވަނީ ހިދާޔަތުގެ މުހިންމު ބައިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޝައިޚް ބިލާލް އައްސަދު ވިދާޅުވި ގޮތުގައި ހިދާޔަތަކީ އިންސާނާގެ ހިތަށް ﷲ ތަޢާލާ ވައްދަވައިދޭ ނޫރެކެވެ.

މިގޮތުން ޤުރުއާން ކިޔަވާއިރު ނުވަތަ އަޑުއަހާއިރު ހިތަށް ހަމަޖެހުން ލިބުމާއި، ގައިން ހީބިހިނެގުމާއި، ލޮލުން ކަރުނަ އައުމަކީ ﷲ ތަޢާލާގެ ހިދާޔަތް އެމީހަކަށް ލިބެމުންދާކަމުގެ ވަރަށް ސާފު އަލާމާތެކެވެ. މިއީ ހިތްތަކަށް ޝިފާ ލިބި، އީމާންތެރިކަން ވަރުގަދަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ހިދާޔަތް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު ފަސް ބައެއް ވެސް މި ދަރުހުގައި ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ﷲ ތަޢާލާ ހަނދުމަކުރުމާއި، ދީނީ އިލްމު އުނގެނުމާއި، ނަމާދު ގާއިމުކުރުމާއި، ސަދަގާތް ދިނުމުގެ އިތުރުން ހެޔޮލަފާ ރަނގަޅު އެކުވެރިން އިޚްތިޔާރުކުރުން ހިމެނެއެވެ.

މި ކަންކަމަކީ އިންސާނާގެ ހިތް ސީދާ މަގަށް ރުޖޫޢަކޮށްދޭނެ އަސާސްތަކެކެވެ. މީގެ އިތުރުން އިންސާނާގެ އަމިއްލަ އިޚްތިޔާރުގައި ހެޔޮ މަގު އިޚްތިޔާރުކުރުމުން، ﷲ ތަޢާލާ އެމީހަކަށް ސުވަރުގެއަށް ދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ އެދުންތަކުގެ ތެރެއަށް ގެނބި، ހެޔޮ މަގުން އެއްކިބާވާ މީހުންނަށް ވެސް ތައުބާވުމުގެ ދޮރު އަބަދުވެސް ހުޅުވިފައިވާކަން މި ދަރުހުގައި ވަނީ ހަނދާންކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ