ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑަށް ބޭނުންވި ދުނިޔޭގެ ތަށި ހޯދުމަށް ފަހު އަދިވެސް ބޭނުން ވަނީ ރިޓަޔަ ނުކޮށް ގައުމީ ޓީމާއެކު ކުރިޔަށް ދިއުމަށް ނިންމާފައިވާ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ މި ފެށޭ ސީޒަންގައި އިންޓަރމިއަމި އަށް ކުޅުމަށް ނިންމާފައިވާއިރު، އޭނާގެ ޖާރޒީގައި މިފަހަރު ޖަހާނީ ކޮން ނަންބަރެއްތޯ ބަލަން އޭނާގެ ސަޕޯޓަރުން ދިޔައީ އިންތިޒާރުކުރަމުންނެވެ.
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މެސީ، ފުލޮރިޑާއަށް ދިއުމަށްފަހު، އޭނާ ދެން ބޭނުންކުރާނެ ޖާރޒީ ނަންބަރު އަންގައިދޭ ކުރު ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ.
އުމުރުން 36 އަހަރުގެ މެސީ، ފިޔާތޮށި ކުލައިގެ ޖަރޒީއަކާއެކު އޭނާގެ ނަންބަރު މިހާރު އާންމުކޮށްފައިވާއިރު، އޭނާ މިފަހަރު ބޭނުން ކުރާނީ ނަންބަރު "10″ އެކެވެ.
އޭނާ މީގެ ކުރިން ޖާރޒީ ނަންބަރުގެ ގޮތުގައި 10، 15، 18، 19، 30 ބޭނުންކޮށްފައިވެއެވެ.
އިންޓަރމިއަމްއަށް ކުޅެން ނިންމުމަށްފަހު، މެސީ ބުނެފައިވަނީ، އެ ނިންމުމަކީ އޭނާއަށް ނިންމުނު ވަރަށް މުހިއްމު އަދި އެހާމެ ފުރިހަމަ އަޖައިބުކުރުވަނިވި ނިންމުމެއް ކަމަށާއި އެ ނިންމުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.
އައު ޓީމަކާ ގުޅުމަށް ލިބުނު މިފުރުޞަތުގެ ބޭނުން ހިފައި ޓީމަށް ކާމިޔާބުކޮށްދިނުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރާނެ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.
އިންޓަރމިއަމް އާ ގުޅުމުން މެސީއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.