26 އެޕްރީލް 2025

ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް މުއުމިނާ!

ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ރައީސާގެ މަގާމަށް އެ މަޖިލީހުގެ މެންބަރު މުއުމިނާ އާދަމް (މޫންޓީ) ޢައްޔަންކުރައްވައިފިއެވެ.

މުއުމިނާ ސްޕޯޓްސް ކައުންސިލުގައި އިންނަވަނީ، މިނިސްޓަރ ޢައްޔަންކުރައްވާ އަންހެން މެންބަރެއްގެ ގޮތުގައެވެ. މިއީ އޭނާ ކައުންސިލުގެ މެންބަރުކަން ފުރައްވާ 2 ވަނަ ދައުރެވެ. ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ރައީސާގެ މަޤާމަށް މުއުމިނާ ޢައްޔަންކުރައްވާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަށެވެ.

މުއުމިނާ ވަނީ ކުޅިވަރު ދާއިރާގައި ގިނަ  ދުވަސްތަކެއް ވަންދެއް ޙަރަކާތްތެރިވެވަޑައިގަންނަވައި، ބާސެކެޓްބޯޅަ ކުޅުއްވުމުގެ އިތުރުން ނެޓްބޯޅަ އާއި ހޭންޑް ބޯޅަފަދަ ކުޅިވަރުތައް ހިންގުމުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ކުޅިވަރާބެހޭ ޤައުމީ މަޖިލީހަށް ޢައްޔަށް ކުރެއްވުމުގެ ކުރިން، ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯރ މެންބަރެއްގެ މަޤާމުވެސް މުއުމިނާ ވަނީ ފުރުއްވާފައެވެ.

ސްޕޯޓްސް ކައުންސިލަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. 5 މެންބަރުން އައްޔަން ކުރާނީ ޔޫތް މިނިސްޓަރެވެ. އެއީ ޤާނޫނީ ވަކީލަކާއި ދެ އަންހެން މެންބަރުންނާއި ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ތިބޭނީ އޮލިމްޕިކް ކުޅިވަރުތަށް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އޮލިމްޕިކް ނޫން ކުޅިވަރުތައް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އެޑިޢުކޭޝަން މިނިސްޓަރ އައްޔަން ކުރައްވާ މެންބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާ މެންބަރެކެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސްޢޫލިއްޔަތަކީ، ކުޅިވަރުގެ ކަންކަމުގައި ސްޕޯޓްސް މިނިސްޓަރަށް މަޝްވަރާއާއި ލަފާ ދިނުމެވެ.

މުއުމިނާއަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކުޓިވް އޮފިސަރުގެ މަޤާމަު ފުރުއްވަމުން ގެންދަވާ ބޭކަނބަލެކެވެ. އެއީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި 2020 ވަނަ އަހަރު އައްޔަންކުރެއްވި މަޤާމެކެވެ. މީގެއިތުރުން، މުއުމިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރުކަމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ.

ހަމައެހެންމެ، މުއުމިނާ ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ޙާޞިލުކުރައްވައި، 2019 ވަނަ އަހަރުގެ ރެހެންދި އެވޯޑުވެސް ޙާޞިލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު