ނ. ކެނދިކުޅުދޫގައި މާދަމާ ފަށާ "ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023″ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަދި މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ޒިޔާރަތް ކުރުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގިނަ އަދަދެއްގެ ބަޔަކު ބަނދަރަށް ޖަމާވެ، އަޝްފާޤަށް ކީ ހޫނު މަރުޙަބާގައި ބައިވެރިވެފައިވެއެވެ.
މި މުބާރާތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެށުމުގެ ރަސް،މިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އަޝްފާޤުކަމަށް މަޢުލޫމާތު ލިބެއެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ރިވީލް ކުރަން ހަމަޖެހިފައިވާ އިރު، ޓްރޮފީ ދައްކާލާނީ ޝަރަފްވެރި މެހްމާން އަޝްފާޤެވެ.

މާދަމާގެ ހަވީރު 4:45 ގައި އޮންނަ މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރުމަށް ތާވާލުކުރެވިފައިވަނީ، ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބާއި މާޅެންދޫގެ ކަބަޓާން ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޖުމުލަ 16 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
"ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް" އަކީ މި ފަހުގެ ތާރީޚެއްގައި، ނ. އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަން ފާހަގަކުރެވެއެވެ. 5 ރަށަކުން ޖުމުލަ 9 ޓީމު ވާދަކުރާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ކެނދިކުޅުދޫގެ ޓާފް ދަނޑުގައެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގަނީ، ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުގެ ފަރާތުންނެވެ.
މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ، "ދި މެންގްރޫވް އައިލެންޑް" ކަމަށް މަޢުލޫމާތު ލިބެއެެވެ.