މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ފުރަތަމަ ފަހަރަށް އަރަބް ކުލަބު ޗެމްޕިއަންސް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ފައިނަލުން އަލް ނަސްރު ޖާގަ ހޯދީ މޮޅު ކުޅުމެއް ކުޅެ، މުބާރާތުގެ ސެމީ ފައިނަލުގައި އިރާގުގެ އަލް ޝޯޓާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިމެޗު ކުޅެފައިވަނީ، ސައުދީ ޕްރިންސް ސުލްތާން ބިން އަބްދުލް އަޒީޒް ސްޓޭޑިއަމުގައެވެ.
މި މެޗުގައި އަލް ނަސްރުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ވަނީ އޮފްސައިޑެއް ކަމަށް ކަނޑައަޅާފައެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އަލް ނަސްރުގެ ރޯނާލްޑޯއެވެ. މި މެޗުން އަލް ނަސްރު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ރޮނާލްޑޯއެވެ. އެއީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.
މިއީ އަލް ނަސްރުގެ ތާރީޚުގައި އަރަބް ކަޕުގެ ފައިނަލުން އެ ޓީމުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން، އަރަބް ކަޕުގެ ފައިނަލުގައި މި މަހުގެ 12 ވަނަ ދުވަހު އަލް ނަސްރު ނުކުންނާނީ ވާދަވެރި އަލް ހިލާލާ ދެކޮޅަށެވެ.


