އިސްރާއީލް ހިމާޔަތް ކުރަން އެމެރިކާއިން މަނަވަރެއް ފޮނުވައިފި

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ 5 ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ވަރަށް އަވަހަށް ދީފާނެކަމަށް  ބަަލައި، އެ ސަރަހައްދުގައި ތިބި އިސްރާއީލާއި އެމެރިކާ ސިފައިންގެ ހިމާޔަތުގައި،  އެމެރިކާއިން ހަނގުރާމާގެ މަނަވަރެއް އެ ސަރަހައްދަށް ފޮނުވައިފިކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދޭނެ ކަމަށް އީރާން ބުނެފައިވެއެވެ. ނަމަވެސް ރައްދުދޭނެ ގޮތަކާއި ރައްދު ދޭނެ ތަނަކާއި އަދި ވަގުތާ ބެހޭ ގޮތުން އީރާނުން އަދި އެއްޗެއް ނުބުނެއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާގާއި ސީރިއާގައި ހުރި އެމެރިކާ ސިފައިންގެ ވައިގެ ދިފާއީ ނިޒާމުތައް، އެމެރިކާގެ ދިފާއީ މަރުކަޒުން އަންނަނީ، ހަރުދަނާކޮށް އެތަންތަނުގެ ފެންވަރު މަތިކުރަމުންނެވެ. އިރާނުގެ ތާއީދާއެކު އޮކްޓޯބަރު މަހާއި ފެބްރުއަރީއާ ދެމެދު އެކިއެކި ފަރާތްތަކުން 100 އަށް ވުރެ ގިނަ ހަމަލާ މި ތަންތަނަށް އަމާޒުވެފައިއެވެ.

އެމެރިކާ ދެކޭގޮތުގައި، އީރާނުން އިސްރާއީލަށް ހަމަލާދޭނީ 100 އަށްވުރެ ގިނަ ޑްރޯންއާއި އީރާނުގައި އުފައްދާ އެންމެ ސޮފިސްޓިކޭޓެޑް އަދި އެކިއުރޭޓެޑް ބަލިސްޓިކް މިސައިލްގެ ގިނަ އަދަދެއްގެ މިސައިލް އެއްފަހަރާ ފޮނުވާލައިގެންނެވެ. އެހެންވެ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލުގައި ތިބި އެމެރިކާ މީހުންނަށް ބޮޑެތި ސިޓީތަކުން ބޭރަށް ދަތުރު ނުކުރުމަށް އިންޒާރުދީފަ އެވެ.

ހަމަ މިދަނޑިވަޅުގައި، އިންޑިއާއިން ވަނީ އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް އިތުރުވެ، އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށްބަލައި، އީރާނާއި އިސްރާއީލަށް ޒިޔާރަތް ނުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. މިހާރު އީރާނުގައި އަދި އިސްރާއީލުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިވަޅުތައް އަޅައިގެން އުޅުމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ބާރުއަޅާފައެވެ.

މީގެ އިތުރުން ޖަރުމަނާއި ފްރާންސް، ޕޮލެންޑް، އަދި ރަޝިޔާ ފަދަ އެހެން ގައުމުތަކުން ވެސް ވަނީ އެ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ