ޣައްޒާ ސަރަހައްދީ ބޯޑަރުގެ ކައިރީ އިސްރާއީލުގެ ޓޭންކަރެއް ހަރަކާތްތެރިވަނީ، އިސްރާއީލުގެ ސިފައިން ދަނީ ޣައްޒާގެ ބިންތައް ފޭރެމުން.

އިސްރާއީލުން ދަނީ ޣައްޒާގެ ޖިއޮގްރަފީއަށް ބަދަލު ގެންނަމުން

އިސްރާއީލުން އެ ގައުމުގެ ސަރަހައްދީ ރޮނގު ފުޅާކޮށް، ސަރަހައްދީ ރޮނގު ކައިރީގައި އަސްކަރީ މަރުކަޒުތައް ހަދަމުން އަންނައިރު، ފަލަސްޠީނުގެ އާއްމު ރައްޔިތުންގެ ގެދޮރާއި ބިން ދާއިމީ ގޮތެއްގައި ގެއްލިދާނެކަމުގެ ބިރު ފަލަސްޠީނަށް އެބައޮތެވެ.

ޣައްޒާގެ  ހަނގުރާމައަށް ހަތް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާ އިން ދަނީ ޣައްޒާގެ ބިންތައް ހިފައި، ޣައްޒާގެ ތަންތަން ސުންނާފަތިކޮށް ބިންތައް އަތުލުމުގެ ދުރު ރާސްތާ ރޭވުމެއް ރާވަމުންނެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ދަނީ ޣައްޒާގެ އާއްމުންގެ ގެތައް ހަލާކުކޮށް، ބުލްޑޯޒަރު ތަކުން ބިންތައް ސާފުކޮށް، ޣައްޒާގެ ބިންތައް ފޭރެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ ބިންތަކުގައި އެ މީހުންގެ އޮޕަރޭޝަންތައް ހިންގޭނެ މަގު ފަހިކުރަމުންނެވެ.

ހަނގުރާމަ ފެށުމާއެކު އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ޣައްޒާގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތްތައް ތަޅާލާފައެވެ. ގަބޫލު ކުރެވޭ ގޮތުގައި މިއީ ޣައްޒާ އާއި އިސްރާއީލުގެ މެދުގައި ކިލޯމީޓަރެއްގެ ފުޅާ "ބަފަރ ޒޯނެއް" ޤާއިމުކުރުމުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ޣައްޒާގެ ސަރަހައްދުގެ 15 އިންސައްތައެވެ. މި ސަރަހައްދަށް މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަކަށް ނުވަދެވެއެވެ. އެކަން އެގޮތަށް ކުރުމުން ޣައްޒާގެ އެތައް ހާސް އާންމުންނެއް، ދާއިމީ ގޮތެއްގައި ގެދޮރު ދޫކޮށް، އެތަނުން ނުކުތުމަށް ވަނީ މަޖުބޫރު ވެފައެވެ. އަދި ޣައްޒާގެ ދަނޑުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. މިހާރު ވެސް ޣައްޒާގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން އޮތީ މަދު ބިން ކޮޅެކެވެ.

އޮކްޓޯބަރު މަހު ފެށުނު ހަނގުރާމަ އާ ގުޅިގެން އިސްރާއީލުން ޣައްޒާގެ ބިން އަތުލުމަށް ހިންގާ "ބަފަރ ޒޯން" ފުޅާކުރުމުގެ މަސައްކަތަކީ އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާގެ ޖިއޮގްރަފީ ދާއިމީގޮތެއްގައި ބަދަލުކުރަން ރާވާރޭވުމުގެ ހަމައެކަނި މަގެއް ނޫނެވެ.  2004 ވަނަ އަހަރު ހިނގި ހަމަ ނުޖެހުމުގައި ވެސް ޔަހޫދީން ވަނީ ނެޓްޒަރިމް ޗެކް ޕޮއިންޓު ސަރަހައްދު 5 ކިލޯ މީޓަރު ބިން ޣައްޒާއިން ފޭރިގަތުމަށް ފަހު ޔަހޫދީން އެތަނުގައި ވަޒަންވެރިކޮށްފައެވެ. ސެޓެލައިޓް ފޮޓޯތަކުން މިހާރު ވެސް ފެންނަގޮތުގައި، ޣައްޒާގެ އިރުމަތީ ސަރަޙައްދުން، އިސްރާއީލުގެ މެޑިޓަރޭނިއަން ކަނޑާވީ ސަރަހައްދުގައި (ނެޓްޒަރިމް ކޮރިޑޯ) ގައި އިސްރާއީލުން ގެންދަނީ، އިތުރު ހައުސިންޔުނިޓްތަކާއި މުވާސަލާތީ ޓަވަރުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރތައް ފުޅާ ދާއިރާއެއްގައި އިމާރާތްކުރަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ސިފައިންނަށް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުން ކޮންޓްރޯލްކުރަން ފަސޭހަވެ، ދަތުރުފަތުރު ކުރުން މަނާކޮށް، ގްރައުންޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފަސޭހަވާނެއެވެ.

އިސްރާއީލުން އެ ގައުމުގެ ސަރަހައްދީ ބޯޑަރުގެ ބޭރުގައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ އާއްމުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ދިނުމާއި، ބިންތައް ހިފުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމެކެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާއްމު ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ނުހަނު ބޮޑުވާނެއެވެ. ފަލަސްޠީނުގެ ޢާންމުންގެ ބިންތަކާއި ގެދޮރު ގެއްލުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ދެކުނުގައި ގެދޮރު ގެއްލުނު، މީހުންނަށް އެއްވެސް ތަނަކަށް ނުދެވޭނެގޮތަށް ހުރިހާ މަގެއް ޔަހޫދީން ވަނީ ބަންދު ކޮށްފައެވެ.

އިސްރާއީލު ސިފައިން ގެންދަނީ، ޣައްޒާގެ ސަރަޙައްދުގައި އެމީހުން ހަދާފައިވާ 300 މީޓަރުގެ ބަފަރ ޒޯން ސަރަޙައްދަށް ވަންނަ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ގަޔަށް ބަޑިޖަހައި މަރަމުންނެވެ.  މި ބަފަރ ޒޯނަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔަހޫދީން ހަދައިގެން އުޅޭ ޒޯނެކެވެ. އެ ޒޯނަށް ވަދެވެނީ އިސްރާއީލުގެ ސިފައިން ހުއްދަދޭ  މަދު ދަނޑުވެރިންތަކަކަށެވެ.

"ގްރޭޓް މާޗް ރިޓާން" މުޒާހަރާގައި، ފަލަސްތީނުގެ ބައިވެރިން، ޓަޔަރު އަންދަނީ. މި މުޒާހަރާގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް ޝަހީދުކޮށްލާފަ.

މަތީގައިވާ ފޮޓޯއިން އެ ފެންނަ ސަރަހައްދަކީ، 2018 ވަނަ އަހަރުގެ "ގްރޭޓް މާޗް އޮފް ރިޓާން" ގައި އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށާއި، ޣައްޒާގެ ރައްޔިތުން ޣައްޒާއަށް އެނބުރި އައުމުގެ ހައްގު ތަންފީޒު ކުރުމަށް ގޮވާލައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކޮންމެ ހުކުރު ދުވަހަކު ފަލަސްތީނުގެ ރައްޔިތުން ސުލްހަވެރިކަމާއެކު އެއްވި ތަނެވެ. މި ތަނަށް އެއްވާ ފަލަސްޠީނުގެ ޢާންމުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް 18 މަސް ދުވަސް ވަންދެން ކުރިއަށް ދިޔައެވެ. މި ހަމަނުޖެހުންތަކުގައި އިސްރާއީލުގެ ސްނައިޕަރުން ވަނީ ފަލަސްތީނުގެ 223 މީހުން ޝަހީދުކޮށް، 8،000 އަށް ވުރެ ގިނަ މީހުން ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލާފައެވެ. އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާއި ނޫސްވެރިން ހިމެނެއެވެ.

މިފަހަރު، އިސްރާއީލުގެ އޮފިޝަލުން ބުނަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށް ފަހު ޣައްޒާގެ ވަށައިގެންވާ އަވަށްތަކަށް އެނބުރި ދިއުމަށް، އިސްރާއީލުން ހަދަމުންދާ ބަފަރ ޒޯން ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ކުރިއަށް އޮތް މަޝްވަރާތަކުގައި، އިސްރާއީލުން އަތް ގަދަކޮށް، ޣައްޒާގެ ބިންތައް ފޭރިގަތުމަށް އިސްރާއީލުން އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށް، ޣައްޒާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ މުހައްލިލުން ވިދާޅުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ