ޣައްޒާގެ 76 އިންސައްތަ އަށްވުރެ ގިނަ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ސްކޫލްތައް އަލުން އިމާރާތް ކުރަންޖެހޭކަމަށް، އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް އިން ހިއްސާކުރި އާ އެސެސްމަންޓުން ދައްކައިފިއެވެ.
މިދިޔަ މެއި މަހު އެއްކުރި ސެޓެލައިޓް ފޮޓޯތަކަށް ބިނާކޮށް، އެޑިއުކޭޝަން ކްލަސްޓާގެ އާ އެސެސްމަންޓުން ފާހަގަ ކުރެވުނީ ޣައްޒާ އެކިއެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި "ސީދާ ސްކޫލްތަކަށް ޓާގެޓް ކުރުން މެދުނުކެނޑި އިތުރުވެފައިވާ" ކަމަށެވެ.
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވައްސެއްގެ ގޮތުގައި ބޭނުންކުރާ ސްކޫލް އިމާރާތްތަކުގެ ތެރެއިން 69 އިންސައްތަ އަށް ސީދާ ހަމަލާދީ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ސީދާ ހަމަލާ ދިން ސްކޫލްތަކުގެ ތެރެއިން 96 އިންސައްތައަށްވުރެ ގިނަ ސްކޫލްތައް ހުންނަނީ އިސްރާއީލުގެ އަސްކަރިއްޔާއިން މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައިވާ ސަރަހައްދުތަކުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އާންމު ދިރިއުޅޭ 296 ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިންވަނީ ހަމަލާދީފައެވެ.
ގަތަރުގެ އެޑިއުކޭޝަން އަބޯވް އޯލް ފައުންޑޭޝަންގެ އަލް ފަޚްއުރާ ޕްރޮގްރާމްގެ ޑިރެކްޓަރު ތަލާލް އަލް ހަތާލް ވިދާޅުވެފައިވަނީ ޣައްޒާގެ ތައުލީމީ މަރުކަޒުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މިވަގުތު ޣައްޒާގެ ތައުލީމީ ހަރަކާތްތަކަށް ބުރޫ އެރުމުގެ އިތުރުން ދެމެހެއްޓެނިވި އިޖުތިމާއީ ކުރިއެރުމާއި ތަރައްގީގެ ބިންގާ ވެސް ހަލާކުވެފައިވާ ކަމަށެވެ.
ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ 18 އަހަރުން ދަށުގެ މީހުން ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން އެތައް ހަނގުރާމަތަކާއި އެކު ހާލަތު ގޯސްވުމަށް ފަހު ޣައްޒާގެ ތައުލީމީ ނިޒާމަށް ދަތިތަކެއް ކުރިމަތިވަމުން ދިޔަ ކަމަށް އދ. ކުޑަކުދިންނާ ބެހޭ އެޖެންސީ ޔުނެސެފުން މިދިޔަ އެޕްރީލް މަހު ބުނެފައި ވެއެވެ.
"އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ރައްކާތެރި ތަނެއް ހުންނަން ޖެހެއެވެ. ޣައްޒާގެ ގިނަ ކުދިންގެ ސިކުނޑި މިވަގުތު މަސައްކަތް ކުރަމުންދަނީ ހިތާމަޔާއި ހިތްދަތިކަމުގެ ތެރޭގައި" ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް، ނުވަތަ އެމްއެސްއެފް) ގެ ޗައިލްޑް ސައިކޭޓްރިސްޓް އޮޑްރީ މެކްމަހަން ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ކުޑަކުދިންގެ ކިބައިގައި ކޮގްނިޓިވް ޑިސެބިލިޓީސް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ކުޑަކުދިންނަށް ލިބެމުންދާ އަނިޔާއާ މެދު ރުޅިވެރިކަން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކުދިންނަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށާއި ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތައުލީމީ އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ އިތުރުން، ހާލުގައި ޖެހިފައިވާ އެތައް ހާސް ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އަދި ހަމަލާތަކުގައި ދަރިވަރުންނާއި މުދައްރިސުން ވެސް ވަނީ މަރުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ގެއްލުން ލިބިފައިވަނީ ހަމައެކަނި މަދަރުސާތަކަށް އެކަންޏެއް ނޫނެވެ. ޔުނިވާސިޓީތައް ހިމެނޭ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތައް ވަނީ މުޅިން ސުންނާފަތި ވެފައެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ އިސްރާ ޔުނިވާސިޓީ އިޒްރޭލު ސިފައިން ތަޅާލާފައިވާކަން މިދިޔަ ޖެނުއަރީ މަހު އިސްރާއީލުގެ މީޑިއާތަކުން އާންމުކުރި ވީޑިއޯއަކުން އެނގެ އެވެ. އެ ޔުނިވާސިޓީގެ އޮފިޝަލުން ބުނީ އެތަން ހަލާކުކޮށްލުމުގެ ކުރިން އެތައް މަހެއް ވަންދެން އެ ކެމްޕަސް އަސްކަރީ މަރުކަޒަކަށާއި ޑިޓެންޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.