ފީފާ ކްލަބު ވޯލްޑްކަޕްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ޔޫރަޕްގެ ގަދަބާރު ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން ވީ އެއްވަރެވެ. އެމެރިކާގެ މިއާމީ ހާޑްރޮކް ސްޓޭޑިއަމްގައި ރޭގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑް އެއްވަރުވީ ސައުދީ ކްލަބް އަލްހިލާލާ ބައްދަލުކޮށް 1-1 އިންނެވެ. މެޗުގެ ދެ ޓީމުގެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. 34 ވަނަ މިނެޓްގައި ރެއާލްގެ ގޮންޒާލޯ ގާސިއާ ގޯލު ޖެހިއިރު ، 41 ވަނަ މިނެޓްގައި އަލްހިލާލަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ރުބެން ނަވަސް ވަނީ ގޯލު ޖަހާފައެވެ. ފުރަތަމަ ހާފުގައި އަލްހިލާލުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނެވެ. ދެވަނަ ހާފުގައި ރެއާލްގެ ހަމަލާތައް ގިނަވެފައި ނުރައްކާތެރިއެވެ. އަދި މެޗުގެ 88 ވަނަ މިނެޓްގައި ރެއާލަށް މެޗުން މޮޅުވާން ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ރޭގައި ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ވަލްވާޑެ ފޮނުވާލި ބޯޅަ ވަނީ އަލްހިލާލުގެ މޮރޮކޯ ކީޕަރ ބޯނޯ މަތަކޮށްފައެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ރެއާލް މެޑްރިޑްގެ އެމްބާޕޭ ނުކުޅެއެވެ.
މި ގްރޫޕްގައި މެކްސިކޯގެ ޕަޗޫކާ އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ރެޑްބުލް ސަލްޒްބާގެވެ. އެމެރިކާގެ ސިންސިނާޓީގައި ކުޅުނު މި މެޗުގެ 52 ވަނަ މިނެޓްގައި ރެފްރީ ވަނީ މެޗު މެދުކަނޑާލާފައެވެ. މެޗު މެދުކަނޑާލީ ވިދާ ގުގުރާ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މެޗު އަލުން ފެށީ ގާތްގަނޑަކަށް ގަޑިއެއްހާ އިރުފަހުންނެވެ.
ރޭގައި އިނގިރޭސި ކްލަބު މެންޗެސްޓަރ ސިޓީ ވަނީ މޮރޮކޯގެ ވިދާދު ކަސަބުލަންކާ 2-0 އިން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. މެޗުގެ 2 ވަނަ މިނެޓްގައި ފޯޑެން ގޯލެއް ޖެހުމުން ސިޓީން ގިނަ ގޯލުތަކެއް ޖަހާނެކަމަށް ބެލެވުނެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެޓީމުގެ ޑޮކޫ ޖެހި ގޯލަށްފަހު ސިޓީއަށް އިތުރު ގޯލެއް ނުޖެހުނެވެ. ވިދާދު ކަސަބުލަންކާ ވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި ގްރޫޕްގައި ހިމެނޭ ޔުވެންޓަސް ވަނީ ޔޫއޭއީގެ އަލްއައިނު ފަސޭހަކަމާއެކު 5-0 އިން ބަލިކޮށްފައެވެ. ޔުވެންޓަސްގެ 5 ލަނޑުގެ ތެރެއިން 4 ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. މުއާނީ އާއި ކޮންސިސިއާއޯ ވަނީ ކޮންމެ ކުޅުންތެރިޔެއް ދެ ގޯލު ޖަހާފައެވެ. އަނެއް ގޯލު ޖެހީ ޔިލްޑިޒްއެވެ.
ފީފާ ކްލަބްވޯލްޑްކަޕްގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ގްރޫޕްގެ އޭ ގެ ޕަލްމޭރަސް އާއި އަލްއަހްލީ ކުޅޭ މެޗު ރާއްޖެގަޑިން 9 ޖަހާއިރު ފަށާއިރު ، މި ގުރޫޕްގައި މެސީގެ އިންޓަމިއާމީ އާއި ޕޯޓޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:00ގައެވެ.
ގްރޫޕް ބީ ގައި އެތްލެޓިކޯ މެޑްރިޑް އާއި ސީީޓްލް ކުޅޭ މެޗު ރާއްޖެ ގަޑިން މެންދަމު 3 ޖަހާއިރު ފަށާއިރު ، ރާއްޖެ ގަޑިން ފަތިހު 6:00 ގައި ފަށާނީ ޕީއެސްޖީ އާއި ބޮޓަފޯގޯ ބައްދަލުކުރާ މެޗެވެ.


